ޚަބަރު

ރޯގާއާއި ވައިރަލް ހުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


ވައިރަލް ހުމާއި ޑެންގީއާއި ޗިކުންގުންޔާފަދަ ބަލިތަކުން ރައްކާތެރިވުމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ. މިދުވަސްވަރަކީ ރާއްއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ރޯގާގެ ގޮތުގައި އެކި ކަހަލަ ބަލިތައް ފެތުރެމުންދާ ދުވަސްވަރެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ވިދާޅުވެފައިވަނީ ވައިރަލް ހުމާއި ހޮޑުލުމާއި ޑެންގީއާއި ޗިކުންގުންޔާ ފަދަ ރޯގާތައް މިދުވަސްވަރު އިތުރުވަމުން އަންނަކަން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާކަމަށެވެ. އަދި އެހެން އަހަރުތަކާ އަޅާބަލާއިރު މިއަހަރު އެކިކަހަލަ ހުންޖެހުނު މީހުންގެ ޢަދަދުވަނީ އިތުރުވެފައެވެ.

ހުމާއި ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން މިމަހު ނެރެފައިވާ މަޢުލޫމާތު ބުނާގޮތުގައި އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ދެ މަހު ތިރީސް ފަސް ހާހެއްހައި މީހުން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ބޭރަށް ހިންގުން ޖެހިގެން 4000 މީހުން ޑޮކްޓަރަށް ދެއްކިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ޑެންގީއާއި ޗިކުންގުންޏާވެސް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ޑެންގީ ހުން ޖެހިގެން 800އެއްހައި މީހުންވަނީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ޗިކުންގުންޔާއަށް 400އެއްހައި މީހުން ބޭސްކޮށްފައިވެއެވެ.

ބަލިތައް އިތުރުވިޔަނުދިނުމަށް ދުރާލައި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ޚާއްސަކޮށް އިންފުލުއެންޒާ ވެކްސިނާއި އަދި ތުއްތު ކުދިންނަށް ދޭންޖެހޭ ވެކްސިންތައް ދީގެން އުޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.
އަދި އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ވަރަށް ބޮޑަށް އިތުރުވެފައިވާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް

  • ކެއްސައި ކިނބިހި އަޅާއިރު އަނގަމަތި ނިވާކުރުން
  • އާއްމު ސާފުތާހިރުކަމަށް ސަމާލްވުން
  • ސައިބޯނި ލައިގެން އަތް ދޮވުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
  • ދުންފަތުގެ ދުމުން ރައްކާތެރިވުން
  • އިންފްލުއެންޒާ ވެކްސިން ޖެހުން
  • ހޮސްޕިޓަލްފަދަ ތަންތަނަށް ދާއިރު ވީހާވެސް މަދު މީހުން ދިއުން
  • އަރިދަފުސް ރޯގާގެ އަލާމާތް ފެންނަ ނަމަ ސްކޫލަށް ނުފޮނުވުން

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް

  • ކެއުމުގެ ކުރިންނާއި، ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަތް ދޮވުން
  • ފާޚާނާ ކުރުމާއި ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނި ލައިގެން އަތް ދޮވުން
  • ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި، ރައްކާކުރާ ތަންތަން ސާފުކޮށް ބެހެއްޓުން
  • ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން
  • ތާޒާ ކާނާ ބޭނުންކުރުން
  • ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން
  • ގޭގައި އުފެދޭ ކުނި ވީހާވެސް ރަނގަޅަށް މަތިޖަހައި ނިވާކޮށްފައި ބެހެއްޓުން
  • ބޭރަށް ހިންގާނަމަ ކުދިން ސްކޫލަށް ނުފޮނުވުން

ބޭރަށް ހިންގައި ހޮޑުލެވޭނަމަ

  • ލޮނުޕެކެޓާއި، ފެން އަދި ސޫޕްފަދަ ދިޔާތަކެތި ގިނައިން ބޭނުންކުރުން
  • މާބޮޑަށް ވަރުދެރަވުމާއި، ހޮޑުލެވުމާއި، ހޮޑާއި ބޮޑުކަމުދާ ތަކެތީގައި ލޭ އަސަރު ހުރުމާއި ބަނޑުގައި ރިއްސާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
  • ބޭރަށްހިންގުމުގެ އަލާމާތްތައް ނުފެންނަތާ 2 ދުވަސް ވަންދެން، ކުދިން ސްކޫލަށް ނުފޮނުވުން ނުވަތަ އޮފީހަށް ނުދިއުން
  • ޢާއްމުން އެއްވެ އުޅޭ ތަންތަނަށް ނިކުމެ ނޫޅުން

ޑެންގީއާއި ޗިކުންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިންމު ކަންތައްތަކުގެ ތެރޭގައި

  • މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާކުރުން
  • މަދިރި ލޯޝަން ބޭނުންކުރުން
  • ފަތިސް ގަޑިއާއި އިރު އޮއްސޭ ގަޑީގައި މަދިރި ނުވަންނާނެހެން ދޮރުތައް ލެއްޕުން
  • މަދިރި އުފެދޭނެހެން ފެން ހަރުލާގޮތަށް ހުންނަ ތަންތަން ނައްތާލުން

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

  • އަރާމު ކުރުން
  • ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
  • ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސާނަމަ ޕެރެސެޓެމޯލް ބޭނުންކުރުން

ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.