ޚަބަރު

ކޮމޮރޮސްގެ ރައީސްއާ ޝާހިދު ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކޮމޮރޮސްގެ ރައީސް ހިޒް އެކްސެލެންސީ އަޒާލީ އައްސައުމާނީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ކޮމޮރޮސްގެ ރައީސް އަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ކޮމޮރޮސްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ ޝާހިދު ވަނީ ކޮމޮރޮސްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން ހިޒް އެކްސެލެންސީ މުޙައްމަދް އެލް-އަލްމިން ސޫއެފްއާ ބައްދަލުކުރައްވާފައެވެ. އަދި ކޮމޮރޮސް ގެ މިނިސްޓަރ އޮފް ޔޫތް، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް، ހާރ އެކްސެލެންސީ ލަޑެންޓި ހޫމަޑީއާވެސް މިނިސްޓަރު ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރު ޝާހިދު ކޮމޮރޮސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

2023ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިންކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މިނިސްޓަރ ޝާހިދާއި މިނިސްޓަރ މަޙުލޫފު ކުރައްވާ ރަސްމީ ދަތުރުފުޅުގައި ސީޝެލްސް އަދި މޮރީޝަސްއަށް ވަނީ ވަޑައިގެންފައެވެ.
އެގޮތުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ރާއްޖޭގައި ބޭއްވުމުގެ ބިޑަށް ތާޢީދުކުރާކަން މޮރީޝަސްއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއިން މުބާރާތް ބޭއްވުމަށް ބިޑް ކުރުމާއި ގުޅިގެން އިންޓަނޭޝަނަލް ކައުންސިލް އޮފް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އިސްވެރިންވެސް ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން، ރާއްޖޭގައި މުބާރާތް ބޭއްވުމަށް ބަލަންޖެހޭ ކަންކަން ބަލައި މޮނީޓަރ ކުރައްވާފައެވެ.