ވިޔަފާރި

ސަރުކާރު ކުންފުނިތަކަށް ލިބުނު އާމްދަނީ އިތުރުވެއްޖެ


މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ކުންފުނިތަކަށް ލިބުނު އާމްދަނީ އާއި ސާފު ފައިދާ އިތުރުވެއްޖެއެވެ.

ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ މާލީ ޚާލަތު ބަޔާންކޮށް ތައްޔާރުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރު ޚިއްސާވާ ބައެއް ކުންފުނިތަކުން ރަނގަޅު އާމްދަނީއެއް ހޯދާފައިވާއިރު، ބައެއް ކުންފުނިތަކަށް ވަނީ ލިބުނު އާމްދަނީ ދަށްވެ، ގެއްލުން ކުރިމަތިވެފައެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސަމަރީ އޮފް ކުއާޓަލީ ރިވިއުގައިވާ ގޮތުން ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައިވަނީ 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް ލިބުނު 7.1 ބިލިއަން ރުފިޔާގެ އާމްދަނީއަށްވުރެ 5 އިންސައްތަ އިތުރު އަދަދެކެވެ.

ސަރުކާރު ޚިއްސާވާ ކުންފުނިތަކަށް ފުރަތަމަ ކުއާޓަރުގައި 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ސާފު ފައިދާއަށްވުރެ 24 އިންސައްތަ އިތުރު އަދަދެކެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ އެސްޓީއޯއިންނެވެ. އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 2.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކުންފުންޏަށް ލިބުނު އަމްދަނީއަށްވުރެ 5.36 އިންސައްތަ އިތުރު އަދަދެކެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށެވެ. އެކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 19.47 އިންސައްތަ އިތުރު އަދަދެކެވެ.

3 ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވަނީ ދިރާގުންނެވެ. ދިރާގަށް ވަނީ 704 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. ބެންކް އޮފް މޯލްޑިވްސްއަށް ފުރަތަމަ ކުއާޓަރުގައި ލިބިފައިވަނީ 615 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. ދެންހުރި ކުންފުނިތަކަށް ބަލާލާއިރު، އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯގެ އާމްދަނީ އުޅެނީ 400 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. އަދި ފެނަކަ ކޯޕަރޭޝަން، އެމްޓީސީސީ، އެމްޑަބްލިޔުއެސްސީގެ އާމްދަނީ އުޅެނީ 200 މިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. އެމްޕީއެލްއަށް ލިބިފައިވަނީ 182 މިލިއަން ރުފިޔާއެވެ.

ލިބުނު އާމްދަނީން ޚަރަދުތައް ކެނޑުމަށްފަހު ކުންފުނިތަކަށް ލިބުނު ސާފު ފައިދާއަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ އެމް.އޭ.ސީ.އެލްއަށެވެ. އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 572 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 44.17 އިންސައްތައިގެ ކުރިއެރުމެކެވެ.

ފުރަތަމަ ކުއާޓަރުގައި ދެވަނައަށް އެންމެ ބޮޑު ސާފު ފައިދާއެއް ލިބިފައިވަނީ ބީއެމްއެލްއަށެވެ. ބީއެމްއެލްއަށް ވަނީ 276 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައެވެ. 3 ވަނައަށް އެންމެ ބޮޑު ސާފު ފައިދާއެއް ދިރާގަށް ލިބުނުއިރު، އެކުންފުންޏަށް ވަނީ 238 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ފުރަތަމަ ކުއާޓަރުގައި ލިބިފައެވެ.

ސަރުކާރުގެ އެހެން ކުންފުނިތަކަށް ބަލާލާއިރު އައިލެންޑް އޭވިއޭޝަނަށް 104 މިލިއަން ރުފިޔާ، އެސްޓީއޯއަށް 103 މިލިއަން ރުފިޔާ، އެމްޑަބްލިޔުއެސްސީ 90 މިލިއަން ރުފިޔާ އަދި އެމްޕީއެލްއަށް 63 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވަނީ ފުރަތަމަ ކުއާޓަރުގައި ލިބިފައެވެ.