މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައިވެސް ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވިދާޅުވެއްޖެއެވެ. މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 އަދި 27ވަނަ ދުވަހުއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަންސް ހަފްސީ ޢަބްދުﷲ ވިދާޅުވީ ކޮންމެ އަހަރަކުވެސް މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހެވިކަމުގެ ކުޅިވަރުތައް މިއަހަރުވެސް އޮންނާނެކަމަށެވެ. އެގޮތުން ކުޅިވަރުތަކަށް ސްކޫލްތަކުގެ ފަރިތަކުރުންތަކާއި، ތައްޔާރީތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ. ހެވިކަމުގެ ކުޅިވަރަކީ މިނިވަން ދުވަހު އެންމެ ގިނަ ބަޔަކު އެންމެ ޝަޢުގުވެރިވާ އެއް ހަރަކާތެވެ. މި ހަރަކާތްތަކުގެ ތެރެއިން ދިވެހި ސަޤާފަތާއި، ތިމާވެއްޓާއި، ރާއްޖެ ހޯދަމުން އަންނަ ކުރިއެރުންތަކާއި ގުޅޭ ހަރަކާތްތައް ފެނިގެންދެއެވެ.
ހޯމް މިނިސްޓްރިއިން ބުނެފައިވަނީ ހެވިކަމުގެ ކުޅިވަރުތައް އޮންނާނީ ގަލޮޅު ދަނޑުގައިކަމަށެވެ. ކުޅިވަރުތަކުގެ ފަރިތަކުރުންތައް ކުރިއަށްގެންދަނީ ހެންވޭރު ދަނޑުގައެވެ.
މިއަހަރު ވެސް ފުޅަނދު ބުރު އޮންނާނެކަަށް ހޯމްމިނިސްޓްރީންް ވިދާޅުވެއެވެ. އާއްމުންގެ ބޮޑު ތަރުޚީބެއް އޮންނަ ފުޅަނދުބުރުގައި މި ފަހަރުވެސް ބައެއް ކުންފުނިތަކުން ފުޅަނދުތައް ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މިނިވަން ދުވަހާއި ގުޅުވައިގެން ފުޅަނދުތައް މި ނެރެނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. ފުޅަނދު ބުރުގެ އިތުރުން ޕެރޭޑާއި ރޫޓް މާޗް ވެސް މާލޭގެ މަގުތަކުގައިއޮންނާނެެއެވެ.
ކޮންމެ އަހަރެެގެވެސް މިނިވަން ދުވަހު ކުރިއަށްގެންދާ ހަރަކާތްތަކަކީ ތުއްތު ކުދިންނާއި އަދި އާއިލާތަކުގެ ބޮޑު ޝަޢުގުވެރިކަމެއް ލިބޭ ހަރަކާތްތަކެވެ.
މި އަހަރުގެ ޖުލައިމަހުގެ 26ވަނަ ދުވަހަކީ އިނގިރޭސިންގެ އަތުން ދިވެހިންނަށް މިނިވަންކަން ލިބުނުތާ 54 އަަހަރު ފުރޭ ދުވަހެވެ.