ދިވެހި ކަނޑުތަކުގެ ނަފާ ދިވެހިންނަށް ހޯދައިދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ސިޔާސަތުތައް އިޢުލާންކުރެއްވުން މިރޭ އޮންނާނެއެވެ.
މިސިޔާސަތު އިޢުލާން ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި ހަފްލާ މ.އަތޮޅު ދިއްގަރުގައި މިރޭ 21:00ގައި އޮންނާނެއެވެ. މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މުލަކަތޮޅު ދިއްގަރަށް ވަޑައިގަންނަވާނީ މިއަދު ހަވީރުއެވެ.
ސަރުކާރުން ގެންދަވަނީ މަސްވެރިކަމުން ލިބޭ ނަފާ އިރުރުކޮށް، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން މިދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ޚިޔާލުތައް ހޯދުމަށް، މަސްވެރިންނާއެކު މިދިޔަ ހުކުރު ދުވަހުވަނީ ޖަޒީރާ ހޮޅުއަށި ސިލްސިލާގެ ބައްދަލުވުމެއްވެސް ބާއްވާފައެވެ.
ރައީސް ބައިވެރިވެ ވަޑައިގެންނެވި މިޙަރަކާތުގައި މަސްވެރިންވަނީ އެމިހުންގެ ކަންބޮޑުވުންތައް ސަރުކާރާއި ޙިއްސާކުރައްވާފައެވެ. އެގޮތުން މިފްކޯއިން މަސް ގަންނަ މިންވަރު އިތުރު ކުރުމާއި، މަސްރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުރުމާއި، ދާއިމީ ގޮތެއްގައި އާމްދަނީއެއް ލިބޭނެގޮތް ހެދުމާއި، އައިސް ޕްލާންޓްތައް ހެދުމާއި، ދާއިރާއާއި ގުޅޭ ޓެކްނޮލޮޖީތައް ރާއްޖެއަށް ތާރަފްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުންވަނީ ޚިޔާލު ހުށައަޅާފައެވެ.
މަސްވެރިން ހުށަހެޅި ކަންކަމާމެދު މަޝްވަރާކޮށް އެކަމަށް އަވަސް ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.