ޚަބަރު

ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ކިޔަވަން ލޯނުދެނީ


ރާއްޖޭގައި ޕައިލެޓްކަން ކިޔެވުމަށް ލޯނު ނަގައި، ކޯސްހިންގާ ފަރާތުގެ މައްސަލަތަކުގެ ސަބަބުން ކޯސް ކުރިއަށް ނުގެންދެވިފައިވާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ދިނުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ނިންމައިފިއެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ ލޯނު ނަގައިގެން 96 ކުއްޖަކު، އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމި އޮފް އެރޮނޮޓިކްސްގައި ކިޔަވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއެކަޑަމީއަށް ދިމާވެފައިވާ ދަތިތަކެއްގެ ސަބަބުން މިކުދިންގެ ކިޔެވުން ކުރިއަށް ނުގެންދެވިފައިވާ މައްސަލަ މިނިސްޓްރީއަށް ހުށައަޅަމުންދާކަމަށެވެ. އަދި ކަމާއި ގުޅުންހުރި ފަރާތްތަކާއިއެކު މަޝްވަރާކުރުމަށްފަހު، ރާއްޖޭގައި ކިޔެވުމަށް ނެގި ލޯނު ފައިސާއިން ރާއްޖެއިން ބޭރުގައި ކިޔެވޭނެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުން ކިޔަވަން ބޭނުންވާ ދަރިވަރުނަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، ލޯނު ފައިސާގެ އިތުރުން ކުރަންޖެހޭ ޚަރަދުތައް ބަލަހައްޓަން ޖެހޭނީ ދަރިވަރުން އަމިއްލައަށްކަަމަށް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. މިކަމަށް އެދި ފޯމް ހުށައެޅުމަށް ވަކި މުއްދަތެއް ނެތް ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ކިޔަވަންދާ ތަންތަނުގެ ސައްޙަ މަޢުލޫމާތާއި، އަދި އެއީ އެންމެ ރަނގަޅު މަރުކަޒުތޯ ކަށަވަރު ކުރުމަށް މިނިސްޓްރީންވަނީ ދަރިވަރުންގެ ކިބައިން އެދިފައެވެ. އަދި އެ މަރުކަޒަކީ އިތުރު ޓެސްޓަކާއި ނުލައި މަތިންދާ ބޯޓު ދުއްވުމުގެ ހުއްދަ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިބޭ މަރުކަޒެއްކަން ކަށަވަރުކުރުމަށްވެސް މިނިސްޓްރީއިން އިލްތިމާސްކުރެއެެވެ.

ރާއްޖެއިން ބޭރުން ކިޔެވުމަށް ލޯނަށް އެދެން ބޭނުންވާ ފަރާތްތަކުން، ބޭރަށް ކިޔަވަންދާ މަރުކަޒުގެ ޕްލޭސްމަންޓް ލެޓަރއާއި، ފީސްޓްރަކްޗަރއާއި އައިޑީކާޑުގެ ކޮޕީ މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ.