ޚަބަރު

ބޯޓު ދަތުރުކުރަންދާ ދިވެހިންގެ ޢަދަދު ދަށަށް!


ވޭތުވެދިޔަ ދިހަވަރަަކަށް އަހަރުގެ ތެރޭގައި ބޯޓު ދަތުރުކުރަންދިޔަ ދިވެހިންގެ ނިސްބަތް އަށްޑިހަ އިންސައްތައަށްވުރެ ދަށަށް ގޮސްފައިވާކަމަސް ޓްރަންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މެރިޓައިމް ދާއިރާއާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ މީގެ 10އަހަރު ކުރިއަށް ބަލާއިރު 1000އަށްވުރެ ގިނަ ދިވެހިން ބޯޓު ދަތުރު ކުރަން އުޅުނުކަމަށެވެ. ނަމަވެސް މި ޢަދަދު މަދުވެ، 2017ވަނަ އަހަރު ބޯޓު ދަތުރުކުރަން ދިޔަކަމަށް ރެކޯޑް ކޮށްފައިވަނީ 283 މީހުން ކަމަށާ، 2018ވަނަ އަހަރު ބޯޓު ދަތުރުކުރަން ގޮސްފައިވާ ދިވެހިންގެ ޢަދަދަކީ 273 ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ އާދިލް ވިދާޅުވީ މިއަހަރުގެ މިހާތަނަށް ބޯޓު ދަތުރުކުރަން ގޮސްފައިވަނީ 140 ދިވެހިންކަމަށެވެ. މިއީ ޓްރާންސްޕޯޓު މިނިސްޓްރީއިން ކަންބޮޑުވާ ކަމެއްކަމަށް އާދިލް ވިދާޅުވިއެވެ.

" އަޅުގަނދުމެން މިދަނީ ސީމަނުން ތަމްރީންކުރުމުގެ ޕްރޮގްރަމެއް ފެށުމަށް ތައްޔާރުވަމުން. 3އަހަރުގެ މި ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން 60ސީމަނުން ތަމްރީންކުރާނަން. މީގެތެރޭގައި ޑެކް އޮފިސަރުންނާއި، އިންޖީން މަސައްކަތް ކުރާ ފަރާތްތައް ތަމްރިން ކުރާނަން." އާދިލް ވިދާޅުވިއެވެ.

ބޯޓު ދަތުރުކުރުމުގެ މަސައްކަތަކީ ދިވެހިން ބޮޑު އާމްދަނިއެއް ހޯދަމުންއައި މަސައްކަތެކެވެ. ޓްރާންސްޕޯޓު މިނިސްޓްރިއިން ވިދާޅުވެފައިވަނީ އަލުން މި ދާއިރާއަށް މީހުން ޝަޢުގުވެރި ކުރުވައި، ބޯޓު ދަތުރުކުރުމުގެ މަސައްކަތަށް ދިވެހިން ނެރުމަށް އެމިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރައްވަން ރާއްވަވާފައިވާކަމަށެވެ.