ޓައިވާނަށް ހަތިޔާރު ވިއްކާ ކުންފުނިތަކާއެކު ވިޔަފާރީގެ މުޢާމަލާތްތައް ހިންގުން ހުއްޓާލާނެކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.
ޗައިނާއިން މި އިންޒާރު ދީފައި މިވަނީ ޓައިވާނަށް ހަތިޔާރު ވިއްކުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ނިންމާފައިވަނިކޮށެވެ.
ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން ހީނަރުވެފައިވާ މިދަނޑިވަޅުގައި، ޗަައިނާގެ ފޮރިން މިނިސްޓްރީން ބުނީ ޓައިވާނަށް ހަތިޔާރު ވިއްކާ އެމެރިކާގެ ކުންފުނިތަކާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާނެކަމަށެވެ.
މިދިޔަ ހަފްތާގައި އެމެރިކާގެ ދިފާޢީ ވުޒާރާއިން ވަނީ ޓައިވާނަށް 2.2 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފައިވާކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސަތޭކައަށްވުރެ ގިނަ ޓޭންކަރާއި 250 މިސައިލް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކަނީ ޗައިނާގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާގޮތަށް، ބައިނަލްއަޤްވާމީ ޤާނޫނުތަކާވެސް ޚިލާފަށްކަމަށެވެ. އެހެންކަމުން އެފަދަ މުޢާމަލާތެއް ހިންގާ އެއްވެސް ކުންފުންޏަކާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ކުރިއަށް ނުގެންދާނެކަމަށް ޗައިނާގެ އޮފިޝަލުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން ޓައިވާނަށް އެމެރިކާއިން ވިއްކާ ހަތިޔާރުގެ ތެރޭގައި ހަނީވެލް އިންޓަނޭޝަނަލް އަދި ގަލްފްސްޓްރީމް ކުންފުނިން އުފައްދާ ހަތިޔާރު ހިމެނެއެވެ. އަނެއްކޮޅުން ޗައިނާގެ މާކެޓަކީ އެ ދެ ކުންފުންޏަށްވެސް މުހިއްމު މާކެޓްތަކަކަށްވާއިރު، ޗައިނާއިން އަޅާ ފިޔަވަޅެއްގެ ސަބަބުން އެކުންފުނިތަކަށް ގެއްލުންތަކެއް ވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ. ނަމަވެސް އެކުންފުނިތަކުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްޗެއް ނުބުނެއެވެ.
ޗައިނާއިން ޤަބޫލުކުރާ ގޮތުގައި ޓައިވާނަކީ ޗައިނާގެ ބައެކެވެ. އެކަމަކު ޓައިވާނުން މަސައްކަތްކުރަނީ މިނިވަން ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކާއި ޗައިނާއާ އޮންނަ ވިޔަފާރީގެ ވަރުގަދަ ގުޅުންތަކުގެ ސަބަބުން ގިނަ ޤައުމުތަކުން ބަލަނީ ޓައިވާނަކީ ޗައިނާގެ ބައެއްކަމަށެވެ.