ވިޔަފާރި

ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިއްޖެ


ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިއްޖެއެވެ.

ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދީ ދުވެލި 6.4 އިންސައްތައިގައި ހުރިއިރު، އޭޕްރީލްއިން ޖޫންގެ ނިޔަލަށް ކުރިއަށްދިޔަ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޗައިނާގެ އިޤްތިޞާދީ ދުވެލި ވަނީ 6.2 އިންސައްތައަށް ވެއްޓިފައެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޗައިނާގެ އިޤްތިޞާދީ ދުވެލި ދުވެލި މިހާ ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

އެމެރިކާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމައިގެ އަސަރު ޗައިނާގެ އިޤްތިޞާދަށް ކުރަން ފަށާފައިވާއިރު، މިއަހަރުގެ ފަހު ހަ މަސްދުވަހުވެސް ޗައިނާގެ އިޤްތިޞާދީ ދުވެލި ދާނީ ދަށަށްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހިފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަހު ޗައިނާގެ އެކްސްޕޯޓާއި އިމްޕޯޓްވެސް ދަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާއި އަޅާބަލާއިރު ޗައިނާގެ އެކްސްޕޯޓް 1.3 އިންސައްތަ ދަށްވިއިރު، އިމްޕޯޓް ވަނީ 7.3 އިންސައްތަ ދަށްވެފައެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާގެ އިޤްތިޞާދަށް އަސަރުތަކެއް ކުރާނެކަމަށް ތަޖުރިބާކާރުން ކުރިންވެސް ތިބީ ލަފާކޮށްގެނެވެ. އިޤްތިޞާދީ ދުވެލި މަޑުޖެހުނު ނަމަވެސް ޗައިނާގެ އިންވެސްޓްމަންޓް ދާއިރާއާއި ރީޓެއިލް ވިޔަފާރީގެ ދާއިރާއިން ވަނީ މިދިޔަ ކުއާޓަރުގައި ކުރިއެރުންތަކެއް ހޯދާފައެވެ.