ޚަބަރު

އާދީއްތަ ދުވަހުން ފެށިގެން އޮންލައިންކޮށް ލައިސަންސް ނަގަން ހުށައެޅޭނެ - މިނިސްޓަރ ނަހުލާ


އަންނަ އާދިއްތަ ދުވަހުން ފެށިގެން ލައިންސަންސް ނެގުމާއި ގުޅުންހުރި ލިޔެކިޔުމުގެ ކަންކަން އޮންލައިންކޮށް ކުރެވޭނެގޮތް ހަދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ކިއުގައި ނުޖެހި، އާއްމުން ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަކޮށް ދިނުމަކީ މިނިސްޓްރިން މިހާރު އެންމެ އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވި ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވީހާވެސް ގިނަ މީހުންނަށް ޚިދުމަތްދެވޭ ތަނަކަށް ހެދުމަށްޓަކައި، ޚިދުމަތް ދޭގޮތަށްވެސް ބަދަލުގެނެސްފައިވާކަމަށެވެ. އެގޮތުން ކުރިން ކައުންޓަރުން ދުވާލަކަށް 100 ނަންބަރު ދޫކުރިނަމަވެސް، މިހާރު ވަކި އަދަދެއް ނެތި ކަނޑައަޅާފައިވާ ވަގުތުގައި އަންނަ ހުރިހާ ފަރާތްތަކަށް ޓްރާންސްޕޯޓާއި ގުޅުންހުރި ޚިދުމަތްތައް ލިބޭނެކަމަށެވެ.
އެގޮތުން ހެނދުނު 8 އިން 11އަށް ނަންބަރު ދޫކުރާއިރު، ނަންބަރު ނެގާ ހުރިހާ ފަރާތަކަށްވެސް ޚިދުމަތް ދެމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި މަސައްކަތް ކުރަނީ ލައިސަންގެ ކަންކަން އޮންލައިންކޮށް ކުރެވޭގޮތް ހަދަން. އަންނަ އާދިއްތަ ދުވަހުން ފެށިގެން ފޯމް އޮންލައިންކޮށް ހުށައެޅޭގޮތަށް ހުޅުވާލާނަން." މިނިސްޓަރ ވިދާޅުވިއެވެ.

ޚިދުމަތްދޭ ގޮތަށް ބަދަލުގެނެސް، އޮންލައިންކޮށް ޚިދުމަތްތައް ލިބޭނެ ގޮތް ހެދުމަށް ނިންމާފައިވަނީ، އެޕްލިކޭޝަން ހުށައެޅުމާއި، ނިމިފައިވާ ޚިދުމަތް ނުވަތަ ޑެލިވަރީ ދޫކުރުމުގައި އާއްމުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގެ ގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.