ޚަބަރު

ގަވަރުނަރު ނަސީރާއި އަޝްރަފު ކޮމެޓީއަށް ހާޒިރުކުރަނީ


އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގަވަރނަރ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން ނިންމައިފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިނގި މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ކުރި މަސައްކަތްތަކަކަށް ގަވަރުނަރު އަހްމަދު ނަސީރު ނުފޫޒު ފޯރުއްވާ އެ މައްސަލަ ފުލުހުންނަށް ހުށައެޅުމަށް ހުރަސްއެޅިކަމަށް ބުނެ އެކަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވަނީ މިދިޔަ ހަފްތާގައި ހުށައަޅާފައެވެ.

އެ މައްސަލަ ކޮމެޓީއަށް ހުށައެޅީ އެފްއައިޔޫ ހިންގެވުމާ ކުރިން ހަވާލުވެ ހުންނެވި އަބްދުﷲ އަޝްރަފެވެ. އެނާ ކޮމެޓީއަށް ފޮނުވި ސިޓީއެއްގައި ވަނީ ގަވަރުނަރު އަހްމަދު ނަސީރުގެ މައްޗަށް ސީރިއަސް ބޮޑެތި ތުހުމަތުކެއް ކުރައްވާފައެވެ.

މި ތުހުމަތުތަކުގެ ތެރޭގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި އޭސީސީއާއެކު އެމަނިކުފާނު އެސްކްރޯ އެކައުންޓެއް ހުޅުވި މައްސަލަ އެފްއައިޔޫއިން ބަލަން ފަށާ އޭސީސީގެ އޭރުގެ ރައީސް ޙަސަން ލުޠުފީ އާއި ހިއްސާކުރެއްވުމުން އެކަމުގައި އެމްއެމްއޭގެ ގަވަރުނަރު ނަޞީރު ހިތްހަމަޖެހިވަޑައިނުގަތް އެކަމަށް ހުރަސްއެޅުއްވިކަމަށް ވެއެވެ.

އަދި އެ މައްސަލަ ފުުލުހުންނަށް ރިޕޯޓްކުރުމުން ވަޒީފާއިން އިސްތިއުފާ ދިނުމަށް ނަސީރު ޕްރެޝަރުކުރިކަމަށް އަޝްރަފުގެ ސިޓީގައިވެއެވެ. މީގެއިތުރުން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރާއިސް ޔާމީނާއި ގުޅުން ހުރި މައްސަލައެއް ރިޕޯޓްކުރުމަކީ ހާލަތާއި ނުބައްދަލުކަމެއްކަމަށް ބުނެ އެކަމަށް އެ ރިޕޯޓް ހުށައެޅިޔަ ނުދޭން ނުފޫޒު ފޯރުވިކަމަށްވެސް އަޝްރަފު ތުހުމަތުކުރައްވާފައިވެއެވެ.

މި ސިޓީއާއި ގުޅިގެން ގަވަރުނަރު އަހްމަދު ނަސީރުވެސް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ގަވަރުނަރު ނަސީރުގެ މައްޗަށް އަޝްރަފު ކުރައްވާފައިވާ ތުހުމަތުތައް ނަސީރު ދޮގޮކުރައްވާފައިވާކަމަށް މާލިއްޔަތު ކޮމެޓީގެ މުޤައްރިރު ވަނީ ވިދާޅުވެފައެވެ. ނަސީރުގެ ސިޓީގައިވެސް އަޝްރަފުގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

އަޝްރަފްގެ ސިޓީއަށް ރައްދު ދެއްވާ ގަވަރުނަރު ކޮމިޓީއަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެފްއައިޔޫގެ ވެރިޔަކަށް އަޝްރަފް ހުންނެވި ދުވަސްވަރު އެ ޔުނިޓަށް ހުށައަޅާފައިވާ މައްސަލަތަކާ މެދު ޢަމަލުކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށްކަމަށެވެ. އެގޮތުން އެފްއައިޔޫއަށް ހުށައަޅާފައިވާ މައްސަލަތައް މިނިވަންކަމާއެކު އެއްވެސް ނުފޫޒެއްނެތި ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ޔުނިޓަށް ހުށައަޅާފައިވާ ޝައްކުކުރެވޭ މޫޢާމަލާތްތަތައް ތަޙްޤީޤީ އިދާރާތަކަށް ނުފޮނުވާ ގަސްތުގައި އަޝްރަފް ލަސްކޮށްފައިވާކަމަމަށްވެސް ގަވަރުނަރު ވަނީ ވަނީ ތުހުމަތުކޮށްފައެވެ. ރައީސް ޔާމީންގެ އެކައުންޓަށް ގިނަ ޢަދަދެއްގެ ފައިސާ ޖަމާކުރިކަން އެފްއައިޔޫއަށް އެނގިހުރެ ތަޙްޤީޤީ އިދާރާތަކަށް ނުފޮނުވާ ލަސްކޮށްފައިވާއިރު، އެ މުޢާމަލާތްތަކަށް ފިޔަވަޅު ނާޅާ އޮތްކަން އެނގިފައިވަނީ އަޝްރަފް ރާއްޖޭގައި ނެތް ދުވަސްވަރަކުކަމަށް ވެސް ގަވަރުނަރު ނަސީރު މާލިއްޔަތު ކޮމެޓީއަށް ފޮނުއްވި ސިޓީގައިވއެވެ.

މި މައްސަލާގައި ކޮމިޓީގެ މެންބަރުން ވަނީ ދެބޭފުޅުން އެކަކު އަނެކަކެއްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއްކޮށްފައިވާއިރު މިއީ ޙައްސާސީ މައްސަލައެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ދެބޭފުޅުންގެ ވާހަކަތައްވެސް ކޮމިޓީން އަޑުއެހުން މުހިންމުކަމަށް މެންބަރުންވަނީ ވިދާޅުވެފައެވެ. އަންނަ އާދީއްތަ ދުވަހު ގަވަރުނަރު ނަސީރާއި އެފްއައިޔޫގެ ކުރީގެ ވެރިޔާ އަޝްރަފް ކޮމިޓީއަށް ޙާޒިރުުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ނިންމީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.