ވިޔަފާރި

ޑިޖިޓަލް ސަރވިސް ޓެކްސް ނަގަން ފްރާންސުން ތައްޔާރުވެއްޖެ


ޑިޖިޓަލް ސަރވިސް ޓެކްސް ނެގުމަށް ފްރާންސްއިން ތައްޔާރުވެއްޖެއެވެ.

ފްރާންސްގައި ޑިޖިޓަލް ސަރވިސް ޓެކްސް ނެގުމުގެ ގޮތުން އެކަމާ ގުޅޭ ޤާނޫނު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން ވަނީ މިދިޔަ ބުރާސްފަތިދުވަހު ފާސްކޮށްފައެވެ. އޭގެ ހަފްތާއެއް ކުރިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނެޝަނަލް އެސެމްބްލީންވެސް ވަނީ އެޤާނޫނު ފާސްކޮށްފައެވެ.

މިޤާނޫނުގެ ދަށުން ފޭސްބުކްއާއި ގޫގުލްފަދަ މަލްޓި ނޭޝަނަލް ކުންފުނިތަކުން ފްރާންސްގައި ހިންގާ ވިޔަފާރިތަކުން ލިބޭ އާމްދަނީން 3 ޕަސަންޓުގެ ޓެކްސްއެއް ނަގާނެއެވެ.

ފްރާންސްއިން ބުނާގޮތުން ފްރާންސްގައި ހެޑްކުއާޓަރޒްތައް ހުންނަ ޑިޖިޓަލް ކުންފުނިތަކުން 23 ޕަސަންޓްގެ ޓެކްސްއެއް ދައްކާއިރު ފޭސްބުކްއާއި ގޫގުލްފަދަ އެހެން ޤައުމުތަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ޑިޖިޓަލް ކުންފުނިތަކުން ދައްކަނީ 8 ޕަސަންޓާއި 9 ޕަސަންޓާ ދެމެދުގެ ޓެކްސްއެކެވެ.

ޑިޖިޓަލް ސަރވިސް ޓެކްސް ނެގުމާބެހޭ ޤާނޫނުގެ ދަށުން، ޑިޖިޓަލް ކުންފުނިތަކުގެ ތެރެއިން 750 މިލިއަން ޔޫރޯއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކުން ފްރާންސްގައި ހިންގާ ވިޔަފާރިތަކުން ލިބޭ އާމްދަނީ 25 މިލިއަން ޔޫރޯއަށްވުރެ އިތުރުނަމަ ޓެކްސް ދައްކަންޖެހޭނެއެވެ.

މިޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޑިޖިޓަލް ސަރވިސް ޓެކްސްގެ ގޮތުގައި ފްރާންސްއަށް މިއަހަރު 400 މިލިއަން ޔޫރޯ ލިބޭނެކަމަށް އަންދާޒާކުރެއެވެ.

ފްރާންސްއިން ޑިޖިޓަލް ސަރވިސް ޓެކްސް ނެގުމަށް ތައްޔާރުވެފައިވާއިރު 30 އަށްވުރެ ގިނަ ކުންފުންޏަކުން މިޓެކްސް ދައްކަންޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެމެރިކާގެ ކުންފުނިތަކެވެ. އެގޮތުން ގޫގުލް، އެޕަލް، ފޭސްބުކް، އެމެޒޯން އަދި މައިކްރޯސޮފްޓް ހިމެނެއެވެ. މީގެ އިތުރުން ޗައިނާ، ޖަރުމަންވިލާތް، ސްޕެއިން އަދި އިނގިރޭސިވިލާތުގެ ބައެއް ކުންފުނިތަކުންވެސް މިޓެކްސް ދައްކަންޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ.

މިޓެކްސްއާ ދެކޮޅަށް ބޮޑެތި ކުންފުނިތަކުން ވާހަކަދައްކާފައިވާއިރު، އެމެރިކާ ސަރުކާރުން ބުނީ މިމައްސަލަ ދިރާސާކުރަމުންދާކަމަށެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން ފްރާންސްއިން ނަގަން ނިންމި ޓެކްސްއާ ދެކޮޅަށް އެމެރިކާއިން ފިޔަވަޅުތަކެއް އެޅުމަކީ އެކަށީގެންވާކަމެކެވެ.