ފެމިލީ ކޯޓުގެ އިސް ޤާޟީ ޙަސަން ސަޢީދުގެ މައްޗަށް ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ޤާޞީ ޙަސަން ސަޢީދުގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން މިއަދު ކުރިއަށްދިޔަ ތަޙްޤީގު އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ބައެއް ތުހުމަތު ތަކަށް ޖަވާބުދާރީވެ ވަޑައިގަތީ ކީރިތިކުރައްވަމުންނެވެ. ޢާންމުކޮށް ހުޅުވާލައިގެން ބޭއްވި އަޑުއެހުމުގައި މައްސަލަ ތަޙްޤީގުކުރާ ޖޭއެސްސީގެ ކޮމިޓީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޙަސަން ސަޢީދުވަނީ އޭނާގެ މައްޗަށް ޝަރުއީ ދާއިރާގައި، ޚާއްސަކޮށް ފަނޑިޔާރުކަމުގައި އޭނާ ހޭދަކުރެއްވިއިރު، 18 ވަރަކަށް އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި އެކަހަލަ އެއްވެސް ތުހުމަތެއް އޭނާގެ މައްޗަށް ކޮށްފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރަނީ މުވައްޒަފުން ތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލަތަކެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާކަމަށް ވިދާޅުވެ އޭނާ ވަނީ ދުވަހަކު ވެސް އެފަދަ އަމަލެއް ހިންގާފައި ނުވާނެކަމާއި، އޭނާ އަކީ އަބަދުވެސް އޮފީސް މާހާލުގައި ޖިންސީ ފުރައްސާރަ ކުރުމާ ވާކާލާތުކުރާމީހެއްކަމަށް ވިދާޅުވެފައެވެ. އެވާހަކަތައް ޤާޟީ ޙަސަން ސަޢީދު ހިއްސާކުރެއްވީ ވަރަށް ބޮޑަށް ކީރިތިކުރައްވަމުންނެވެ.
މިވާހަކަތަކާއި ގުޅިގެން ކޮމިޝަނުގެ މައްސަލަ ބައްލަވާ ކޮމެޓީން ވަނީ ޙަސަން ސަޢީދުގެ މައްޗަށް ކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ނޫން ކަންހާމަކުރައްވާފައެވެ. އަދި އެގޮތައް މީޑިއާތަކުން ރިޕޯޓް ކުރުމުން އެކަން އިސްލާހު ކުރުވާފައިވާ ކަމަށްވެސް ކޮމިޝަނުން ސާފުކޮށްދެއްވިއެވެ.
ޙަސަން ސައީދު ވިދާޅުވީ، އެއްވެސް މުވައްޒަފަކާ ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައި ނުވާނެ ކަމަށާ، ނަމަވެސް ފެމެލީ ކޯޓުގެ އެހެން ޑިޕާޓްމެންޓްތަކުގެ މަސައްކަތް ލަސްވުމުގެ ސަބަބުން އެތަން ރަގަނޅަށް ހިންގުމުގެ ނިޔަތުގައި ބައެއް ކަންކަން ކޮށްފައިވާނެ ކަމަށެވެ.
ޖޭ.އެސް.ސީން ބަލަމުންދާ ޙަސަން ސައީދުގެ ދެ މައްސަލަ ނިމެންދެން އޭނާ ސަސްޕެންޑް ކޮށްފައިވާއިރު، މީޑިއާތަކާއިފެމެލީ ކޯޓުގެ ބައެއް މުވައްޒަފުންވެސް ހާޒިރުވި މި އަޑުއެހުމަށް ޤާޟީ ޙަސަން ސަޢީދު ވަޑައިގެންނެވީ ގާނޫނީ ވަކީލަކާ ނުލަ ގިނިކަންޏާއެވެ. އަދި ތަހުޤީގު ކޮމިޓީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވީ އަމިއްލަފުޅަށެވެ.