ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވި މި ބައްދަލުވުމުގައި ފުވައްމުލަކުގައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާމަޝްރޫޢުތަކާއި ފުވައްމުލަކުގެ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
މިގޮތުން ފުވައްމުލަކަށް ދިމާވެފައިވާ ކުނި މެނޭޖްކުރުމުގެ މައްސަލައާއި ފުވައްމުލަކު ނަރުދަމާގެ މަސައްކަތާއި މަގުހެދުމުގެ މަސައްކަތާއި ހޮސްޕިޓަލް ތަރައްޤީކޮށް ފުޅާކުރުމުގެ އިތުރުން ކަރަންޓްގެ ފެންވަރު މަތިކުރުމާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަޝްރޫޢުތައް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ގޮތްތަކާއި، އެކަންކަން ޙައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުގެ ވެރިން ސިޓީ ކައުންސިލާ ޙިއްޞާކުރެއްވިއެވެ.
މިބައްދަލުވުމުގައި ނައިބުރައީސް ފައިސަލް ނަސީމު ދެއްކެވި ވާހަކަފުޅުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދާއިރު އެރަށެއްގެ ރައްޔިތުންނާއި ކައުންސިލް ފަދަ އިދާރާތަކުގެ ލަފަޔާ މަޝްވަރާގެ މަތިން ކަންކަން ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހައްލުތައް ހޯއްދެވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ނާއިބު ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފުވައްމުލަކު ސިޓީއަށް ކުރެއްވި ޒިޔާރަތުގައި ފުވައްމުލަކުގެ ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި އަތޮޅު ތައުލީމީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓް އަދި އެ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުންނާވެސް ބައްދަލުކުރެއްވިއެވެ. އެގޮތުން ސުކޫލުތަކުގެ ސީނިއާ މެނޭޖްމަންޓާއެކު ބޭއްވެވި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ސްކޫލުތަކުން ވަނީ އެ ސްކޫލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި އަދި ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެންމެ އިސްކަންދެއްވަނީ އަދި ބަޖެޓުން ވެސް އެންމެބޮޑު ހޭދައެއް ކުރަނީ ތައުލީމީ ދާއިރާއަށްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމާއި އެދަރިވަރުންގެ ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާއި ޓީޗަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ހާލުވެސް ބެއްލެވިއެވެެ. އަދި ހޮސްޕިޓަލުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތައް ބައްލަވާލެއްވިއެވެ. ނައިބު ރައީސް ވަނީ ފުވައްމުލަކު މަގުހެދުމުގެ މަސައްކަތް ކުރިޔަށްދާ ސަރަހައްދަށްވެސް ޒިޔާރަތްކުރައްވައި އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ބައްލަވާލައްވާފައެވެ.