ކުޅިވަރު

ޓްރެއިނިންގ ކޭމްޕްއަށް ޓީސީ ސައުދީއަށް


ސީޒަން މެދުކަނޑާލާފައި އޮތުމުން ޓީސީ ސްޕޯޓްސް ކުލަބު ތަމްރީނު ދަތުރެއްގައި ސައުދީ ޢަރަބިޔާގައި ކޭމްޕް ކުރުމަށް ފުރައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ސައޫދީގައި ހަތަރު މެޗު ކުޅޭނެ އެވެ. މި ކޭމްޕަކީ، އެފް.އޭ.އެމުން ޓީސީއަށް ހަމަޖައްސައިދިން ދަތުރެކެއެވެ. މި އަހަރުގެ ސީޒަން ފެށުމުގެ ކުރިން ރާއްޖޭގެ މާޒިޔާވެސް ވަނީ ސައުދީގައި ޓްރެއިނިންގ ކޭމްޕެއް ފުރިހަމަކޮށްފައެވެ.

މާޒިޔާ އިން މިދިޔަ މަހު ކުރީކޮޅުގައި ލީގު ފެށުމުގެ ކުރިން ޓްރެއިނިން ކޭމްޕް ފުރިހަމަކުރިއިރު، ޓީސީން ބޭނުންވީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ލީގު މެދުކަނޑާލުމުން ލިބޭ ބްރޭކުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރާށެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނުގައި މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވަނީ ޓީސީންނެވެ. ޗެރިޓީ ޝީލްޑް ދެ މެޗާ އެކު ޖުމްލަ ހަތް މެޗު އެ ޓީމުން ވަނީ މި ސީޒަނުގައި ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ލީގުގެ ތިން ވަނައިގައި ޓީސީ އޮތީ ފަސް މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.