ވިޔަފާރި

އިތުރު 1597 ކުންފުންޏެއް އުވާލުމަށް ނިންމައިފި


ކުންފުނި އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އިތުރު 1500 ކުންފުނި އުވާލުމަށް އިކޮނޮމިކް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކުންފުނިތައް އުވާލުމަށް މިހާރު ޢަމަލުކުރަމުންދާ ޤަވާއިދުގެ ތެރެއިން މިފަހަރު އިޢުލާންކޮށްފައިވަނީ 2002 އިން 2006 ގެ ނިޔަލަށް ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ޤަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކެވެ. އިކޮނޮ،މިކް މިނިސްޓްރީން ބުނީ އުވާލުމަށް ކަނޑައަޅާފައިވާ 1597 ކުންފުނި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކޮށްފައިވާކަމަށެވެ.

އިކޮނޮމިކް ،މިނިސްޓްރީން އުވާލުމަށް ކަނޑައަޅާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏެއް ހިންގަން އެކުންފުނިތަކުން ބޭނުންނަމަ އަންނަމަހުގެ 4 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެކަމަށެވެ. އަދި މީގެ ތެރެއިން އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދަޢުވާއެއް އޮތްނަމަވެސް އަންނަމަހުގެ 4 ވަނަ ދުވަހުގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް އެމިނިސްޓްރީން ބުނެއެވެ.

މިދިޔަމަހު ކުންފުނިތައް އުވާލުމާބެހޭ ޤަވާއިދު އިސްލާހުކުރުމަށްފަހު އެންމެ ފުރަތަމަ އުވާލުމަށް ނިންމާފައިވަނީ 523 ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނިތަކަކީ ޤަވާއިދާ އެއްގޮތަށް އަހަރީ ފީ ދައްކާފައިނުވާ ކުންފުނިތަކަކަށްވާއިރު، އޭގެ ތެރޭގައި ހިމެނެނީ 1979 ވަނަ އަހަރާއި 2001 ވަނަ އަހަރާ ދެމެދު ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.

މުޢާމަލާތް ނުކުރާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރީ ފީ ނުދައްކާ ކުންފުނިތަކާއި، އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި، އޮޑިޓަރުންގެ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ އަދަދު 7000 އަށްވުރެ މައްޗަށް އަރާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.