ޚަބަރު

ސިއްޙީ ރެކޯޑްތައް ބަލަހައްޓާނެގޮތާ ގުޅޭގޮތުން ސިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރަނީ


ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ޤަބޫލުކުރާ ފެންވަރަަށް ބަލިތަކުގެ ތަފާސްހިސާބުތަކާއި، މީހުން މަރުވާ ސަބަބުތަކުގެ މަޢުލޫމާތު ރައްކާކުރުމާމަށް، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމަކީ "އިންޓަރނޭޝަނަލް ސްޓެޓިސްޓިކަލް ކްލެސިފިކޭޝަން އޮފް ޑިސީސަސް" (އައިސީޑީ) 10 އަށް ސިއްޙީ ޚިދުމަތްތެރިން ތަމްރީން ކުރުމަށް ފެށި ޕްރޮގްރާމެކެވެ.

އިންޓަރނޭޝަނަލް ކުއަލިފިކޭޝަން އޮފް ޑިސީސަސްއަކީ މީހަކު މަރުވި ސަބަބާއި ބަލިތަކާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން އެކުލަވާލާފައިވާ ކޯޑިނގް ނިޒާމެވެ. މިތަމްރީން ޕްރޮގްރާމްގެ ތެރެއިން ސިއްޙީ ދާއިރާގައި ބޭނުންކުރާ ބަހުރުވައާއި ޚިދުމަތްތަކަށް އަހުލުވެރިކުރުމާއި ބަލިތަކާއި، މީހުންމަރުވި ސަބަބުތަކާގުޅޭ މަޢުލޫމާތު ބައިނަލްއަޢްވާމީ މިންގަނޑަށް ބެލެހެއްޓުމަށް ދަސްކޮށްދޭނެނެއެވެ.


މި ޓްރެއިނިންގ ޕްރޮގްރާމް ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ މިފަދަ ޕްރޮގްރާމަކީ ސިއްޙީ ނިޒާމު އެއްވިއުގައަކުން ގުޅާލާއިރު، މަޢުލޫމާތު އެއް އުސޫލަކުން ރައްކާކުރުމަށް ވަރަށް ބޮޑަށް އެހީވެދޭނެ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ރައްކާކުރާ މަޢުލޫމާތުގެ ސައްޙަކަން އިތުރުވެ، ރާއްޖޭގެ ސިއްހީ ނިޒާމުގެ އިތުރު ދިރާސާކޮށް، އަލަށް ހަދާ ސިޔާސަތުތައް ހެދުމަށްވެސް ބޮޑު ލުޔަކަށް ވެގެންދާނެކަމަށެވެ.

"ރާއްޖެއަކީ ބައިނަލްއަޤްވާމީ ގޮތުން ސިއްޙީ މަޢޫލޫމަތު ޙިއްސާކުރަމުންދާ ޤައުމެއް. އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސިއްޙީ މިންގަނޑު ރަނގަޅު ޤައުމެއް." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖެއަކީ ގިނަ ބަލިތައް ނައްތާލެވިފައިވާ ޤައުމެއްކަމަށެވެ. އަދި މިގޮތަށް މަޢޫލޫމާތު ބަލަހައްޓަން ފެށުމުން އިތުރު ރޮގުތަކުން ސިއްޙީ ދާއިރާ ކުރިއަރައިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

މި ތަމްރީން ޕްރޮގްރާމަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ. ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅުވާފައި ހުންނަވާ ސަފީރު، އަރުވިންދު މާތުރް ވިދާޅުވީ މިޕްރޮގްރާމްގެ ޒަރިއްޔާއިން ރިކޯޑްތައް ރައްކާކުރާނެގޮތުގެ މަޢުލޫމާތު މުޅި ރާއްޖެއަށް ދެވޭނެކަމަށެވެ. އަދި މިއީ ސިއްޙީ ޢާއްމު ޙާލަތު އިތުރަށް ރަނގަޅުވެގެންދާނެކަމެއްކަމަށް ވިދާޅުވިއެވެ.


"މިކަމުގެ ސަބަބުން ހުރިހާ ރަށެއްގެ ރިކޯޑްތައްވެސް އެއްގޮތަކަށް އެއްކުރެވޭނީ. މިފަދަ އާ ކަންކަން ގެނައުމަށް އަބަދުވެސް ޑަބްލިއު.އެޗް.އޯގެ އެހީ ލިބޭނެ." އަރްވިންދ މާތުރް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕޮލިސީ ޕްލޭނިންގ އެންޑް އިންޓަރނޭޝަނަލް ހެލްތް ޢާއިޝަތު ސާމިޔާ ވިދާޅުވީ އަދިވެސް ބައެއް މީހުން މަރުވާ ސަބަބުތައް ފުރިހަމައަށް ދެނެނުގަނެވޭކަމަށެވެ. މިމަހުގެ 18އާއި ހަމައަށް ކުރިއަށްގެންދާ މި ޓްރެއިންގ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުން 60 މީހުން ބައިވެރިވެފައި ވެއެވެ.