ކުޅިވަރު

ގްރީޒްމަން އެންމެ ފަހުން ބާސެލޯނާ އަށް ބަދަލުވެއްޖެ


އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ފްރާންސް ފޯވާޑް އެންޓޮއިން ގްރީޒްމަން ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

ގްރީޒްމަން ބާސެލޯނާ އަށް ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލަށް ދައްކަންޖެހޭ 120 މިލިއަން ޔޫރޯ ދައްކަން ބާސެލޯނާ އިން އެއްބަސްވުމުންނެވެ. ގްރީޒްމަން ބާސެލޯނާއަށް ބަދަލުވީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ނެވެ.

ފްރާންސާ އެކު މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ގްރީޒްމަން މިދިޔަ މާޗް މަހު ބާސެލޯނާއާ ގުޅެން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނެ އެތުލެޓިކޯ އިން ދާދި ފަހުން ވަނީ ބާސެލޯނާ އަށް ފާޑުކިޔައިފަ އެވެ.

ރެއާލް ސޮސިއެޑާޑް އިން 2014 ވަނަ އަހަރު އެތުލެޓިކޯ އަށް ބަދަލުވުމަށް ފަހު ގްރީޒްމަން ވަނީ އެ ކްލަބަށް 256 މެޗު ކުޅެދީ 133 ގޯލު ކާމިޔާބުކޮށްދީފަ އެވެ. ގްރީޒްމަން އެތުލެޓިކޯ ދޫކޮށްލިއިރު މިދިޔަ އަހަރުގެ ޖޫން މަހު އޭނާ ވަނީ އެޓީމާއެކު ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އާކޮށްފަ އެވެ. އެކަމަކު މިދިޔަ މެއި މަހު ގްރީޒްމަން ވަނީ ސީޒަން ނިމުމުން އެތުލެޓިކޯ ދޫކޮށްލާނެކަން އިއުލާންކޮށްފަ އެވެ. ގްރީޒްމަން ކްލަބް ދޫކޮށްލަން ނިންމުމުން ބާސެލޯނާގެ އިތުރުން ޕީއެސްޖީ ވެސް އޭނާ ހޯދުމަށް މަސައްކަތް ކުރިއެވެ.

އެތުލެޓިކޯގައި ހޭދަކުރި ފަސް ސީޒަނުގައި ވެސް ގްރީޒްމަން އަކީ އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އެތުލެޓިކޯއާ އެކު ގްރީޒްމަން ވަނީ ޔޫރޮޕާ ލީގާއި، ސްޕެނިޝް ސުޕަރ ކަޕް އަދި ޔޫއެފާ ސުޕަރ ކަޕް ކާމިޔާބުކޮށްފަ އެވެ.