ޚަބަރު

ގިނަ ޢަދަދެއްގެ އޫރުމަހާއި ސިނގިރޭޓާއި ބަނގުރާ ނައްތާލައިފި


ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓް ނައްތާލައިފިއެވެ. މި ތަކެޗައްކީ ގަވައިދާ ޚިލާފައި ރާއްޖެ އެތެރެކުރަން އުޅުމުގެ ތެރޭގައި ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެއްޗެވެ.

އެގޮތުން ނައްތާލާފައިވާ ތަކެތީގެ ތެރޭގައި 465ލީތަރުގެ ބަނގުރަލާއި، 30ކިލޯގެ އޫރުމަހާއި، 400ފޮށި ސިނގިރޭޓް ހިމެނެއެވެ. މި ތަކެތި ނައްތާލާފައިވަނީ މިމަހުގެ 10ވަނަ ދުވަހު ތިލަފުށީ ކުނި ނައްތާލާ ސަރަޙައްދުގައެވެ. ކަސްޓަމްސްއިން މި ތަކެތި ނައްތާލީ ކަސްޓަމްސްގެ އޮފިސަރުންނާއި މިޑިއާގެ ހާޒިރުގައެވެ.

މިމަހުގެ 4ވަނަ ދުވަހުވެސް ކަސްޓަމްއިންވަނީ ގަވައިދާ ޚިލާފައި ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ބަނގުރަލާއި، ދުންފަތާއި، ސިނގިރޭޓް ނައްތާލާފައެވެ. މީގެތެރޭގައި ހިމެނެނީ 20،871 ބަނގުރާ ފުޅިއާއި، 4279 ބަނގުރާ ދަޅާއި، 27 ޕެކެޓު ބަނގުރަލެވެ. އަދި 764.53 ކިލޯގެ ދުންފަތާއި، 2865 ޕެކެޓު ސިނގިރޭޓާއި، 3241 ކާޓޫނު ސިނގިރޭޓުވަނީ ނައްތާލާފައެވެ.

މިގޮތަށް ޤަވައިދާ ޚިލާފައި އެތެރެކުރާ ތަކެތި ކަސްޓަމްސްއިން ނައްތާލަނީ ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލާ ގަވައިދުގެ ދަށުންނެވެ.