ޚަބަރު

އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަ "ގްރައުންޑް ގޮލްފް" ރާއްޖެއަށް ތާރަފްކޮށްފި


އާއިލާއާއިއެކު އުފާވެރި މާޙައުލެއްގައި ކުޅިވަރު ކުޅުމުގެ ތަޖުރިބާ، އުމުރުން ދުވަސްވީ މީހުންނަށް ހޯދައިދިނުމަށް "ގްރައުން ގޮލްފް" ރާއްޖެއަށް ތަޢާރަފްކޮށްފިއެވެ. މި ކުޅިވަރު ތަޢާރަފްކޮށްފައިވަނީ އަމިއްލަ ކުންފުންޏަކާ، ޖެންޑަރ މިނިސްޓްރީ ގުޅިގެންނެވެ.

"ގްރައުންޑް ގޮލްފް"އަކީ މާބޮޑު ވަރުބަލިކަމެއް ނެތި ލުއި ކުޅިވަރެއްގެ ގޮތުގައި ކުޅެވޭ ޒަމާނީ ކުޅިވަރެކެވެ. އުމުރުން ދުވަސްވީ މީހުންނާއި އާއިލާތަކަށް ޢަމާޒުކޮށްގެން ތާރަފްކުރި މި ކުޅިވަރު އިފްތިތާޙްކޮށްދެއްވީ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފެވެ.
މި ކުޅިވަރު ރާއްޖެއަށް ތަޢާރަފްކޮށްފައިވާ އިޒޫ ކޮންސަލްޓެންސީ އެންޑް ޓްރެއިނިންގގެ ސީއީއޯ އިބްރާހީމް ޒުހުރީ ވިދާޅުވީ މިފަދަ ކުޅިވަރެއް ތާރަފްކުރުމުގެ ބޭނުމަކީ ކޮންމެ އުމުރަކަށްވެސް ކުޅެވޭ، ޚާއްސަކޮށް އުމުރުން ދުވަވީ މީހުންނަށް ބައިވެރިވެވޭ ކުޅިވަރެއް ތާރަފްކުރުންކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރު ކުޅުމުގެ ފުރުސަތު އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށް މިކަން ކުރަނީ އޭޖްކެއަރ މޯލްޑިވްސްއާއި، އިސްރަށްވެހިންގެ ޖަމިއްޔާއާއި ޖެންޑަރ ގުޅިގެންކަމަށެވެ.

"މާލޭގެ އިތުރުން އެހެން ރަށްތަކަށްވެސް ކުޅިވަރު ތަޢާރަފްކުރާނަން. އާދިއްތަ ދުވަހު ކ.ގުރަދޫގައި ހަރަކާތް ކުރިއަށްގެންދާނަން." ޒުހުރީ ވިދާޅުވިއެވެ.

މި ހަރަކާތާއި ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ފަޒްނާ ޝާކިރު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދޮށީއުމުރުގެ މީޙުންނަށް ހަރަކާތްތެރިވެ އުޅެވޭނެ މާޙައުލެއް ހޯދައިދިނުމަށްކަމަށެވެ.

"ޖެންޑަރ އާއި ޔޫތް މިނިސްޓްރީ ގުޅިގެން ކުޅިވަރު އިތުރަށް ކުރިއަރުވާނަން. އަދި މިއީ އެކި ލެވަލްގައި ކުޅެވޭ އާއިލީ ކުޅިވަރަކަށް ހަދާނަން." ފަޒްނާ ވިދާޅުވިއެވެ.

މި ކުޅިވަރަކީ ޖަޕާނުން ފެށިގެން އައި ކުޅިވަރެކެވެ. ކުޅިވަރު އިފްތިތާޙްކުރުމަށް ބޭއްވި ހަރަކާތުގައި ޖަޕާނުގެ ޔުރިހާމާ ޓައުންގެ މޭޔަރ މަސަމިޗީ މިޔަވަކީވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އޭނާ ވިދާޅުވީ އެކި ޤައުމުތަކަށް މި ކުޅިވަރު ތަޢާރަފްކުރަމުންދާކަމަށެވެ.

"މިއީ ވަރަށް މަޖާ ކުޅިވަރެއް. ރަޙްމަތްތެރިންވެސް ހޯދޭނެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ސިއްޙީ ފައިދާތައްވެސް ލިބޭ." މޭޔަރު ވިދާޅުވިއެވެ.

ޖަޕާނުން އައިސްފައިވާ ޓީމުންދަނީ މި ކުޅިވަރު ކުޅޭނި ގޮތުގެ ތަމްރީންދީ، ކޯޗުންވެސް ތަމްރީންކޮށްދެމުންނެވެ.