ކުޅިވަރު

ޕާޓީޒަން އަތުން ބަލިވި ނަމަވެސް، ޓީމުން ކުރިއެރުންތަކެއް އެބަހޯދާ - ޖުނެއިދު


ރާއްޖޭގެ ވޮލީ ޓީމްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޕާޓިޒަންއާއި ދެ ކޮޅަށް ކުޅުނު 3ވަނަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ. ސާބިޔާގެ ފުރަތަމަ ޑިވިޝަންގެ ކުލަބެއްކަމަށްވާ ޕާޓިޒަން އާއި ވާދަކޮށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ޕާޓިޒަން ކާމިޔާބުކޮށްފައިވަނީ 3 ސެޓް 1 ސެޓުންނެވެ.

މެޗްގެ ފުރަތަމަ ދެ ސެޓްގައި ރާއްޖޭގެ ޓީމުންވަނީ ރަނގަޅު ވާދައެއްކޮށްފައެވެ. އެގޮތުން މެޗްގެ ފުރަތަމަ ސެޓުން ރާއްޖެ ބަލިވީ 21-25އިންނެވެ. އަދި މެޗްގެ ދެވަނަ ސެޓްގައި ރާއްޖެ ބަލިވީ 26-28އިންނެވެ. ޕާޓިޒަން ޓީމާއި ދެކޮޅަށް މީގެ ކުރިން ކުޅުނު ދެމެޗަށް ވުރެއް މިމެޗްގައި ރާއްޖޭގެ ޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗްގެ ތިންވަނަ ސެޓްވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިސެޓް ކާމިޔާބުކުރީ ރާއްޖޭގެ ޓީމުންނެވެ. އެއީ 27-25އިންނެވެ. މެޗްގެ ފަހު ސެޓް ޕާޓިޒަންއިން ކާމިޔާބުކުރީ 23-25އިންނެވެ.

މި ތަމްރީން ދަތުރުގައި ރާއްޖޭގައި ޓީމްގެ ރިސީވްއާއި ސާވިސްގެ މައްސަލަތަށް މީގެ ކުރިން ދިމާވެފައި ވީނަމަވެސް މިމެޗްގައި ރާއްޖޭގެ ކުޅުންތެރިންވަނީ ވަރަށް ރަނގަޅަށް ޑިފެންސްކޮށް އަދި ވަރަށް ރަނގަޅަށް ރިސީވްވެސް ދީފައެވެ. ކުރިން މެޗްތަކުގައި ހެދުނު މިސްޓޭކްތައް މިމެޗްގައި ކުޅުންތެރިން ވަރަށް ބޮޑުތަން ރަނގަޅުކުރިތަން ފެނުނެވެ.

ޤައުމީ ޓީމްގެ އެސިސްޓަންޓް ކޯޗް ޖުނެއިދު އަބްދުﷲ ބުނީ މިމެޗަ ކީ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ގިނަ ކަންތަށްތަކެއް ރަނގަޅުކޮށް ފެނުނު މެޗެއްކަމަށެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ކުޅުންތެރިން ކުރިއަރަމުން އަންނަތަން ފެނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހޭކަމަށްވެސް ޖުނެއިދު ބުންޏެވެ. މިހާރު ކުޅުންތެރިންނަށް އެކުއްޖެއްގެ މިސްޓޭކްތައް ވަރަށް ރަނގަޅަށް އެނގޭކަމަށާއި މިހާރު ބޭނުންވަނީ ކޮންމެ ކުޅުންތެރިއަކުވެސް އަމިއްލައަށް ހެދޭ މިސްޓޭކްތައް ރަނގަޅުކޮށް ޓީމެއްގެ ގޮތުގައި ކުޅުންކަމަށް ޖުނައިދު ބުންޏެވެ.

"މިޓީމްގައި ސްޕައިކު ކުރުމުގައި ނެތް އެއްވެސް މައްސަލައެއް. ސާބިޔާގައި އަޅުގަނޑުމެންނަށް އެހީވާ އޮލިމްޕިކްސްގައި ގޯލްޑް މެޑަލް ހޯދާފައިވާ ސާބިޔާގެ ކޯޗްވެސް ބުނެފައިވަނީ ދިވެހި ޓީމްގެ މައްސަލައަކީ ރިސީވްކަމަށް. ރިވީސްތަށް ރަގަނޅު ކުރަނިކޮށް ސްޕައިކް ރަގަނޅަށް ކުރާނެކަމަށް. އަދި ބުލޮކްވެސް އެބަޖެހޭ ރާއްޖޭގެ ޓީމްގެ ކުޅުންތެރިން ރަގަނޅު ކުރަން. ކުދިކުދި މިސްޓޭކްތަކުން މި ޕޮއުންޓް ގެއްލެނީ. ބުލޮކް، ރިސީވް އަދި ވައްޓާ ބޯޅަތަކަށް ކުރިއަށް ހުރި ފަރިތަކުރުންތަކުގައި ދެން މަސައްކަތް ކުރާނީ. އެކަންތަށްތަށް ރަގަނޅުކޮށްލަނިކޮށް ދިވެހި ޓީމްގެ ވަރަށް ގިނަ ކަންތަށްތަށް ރަގަނޅުވާނެ. އޭރުން އަމިއްލައަށްވެސް އިތުބާރު ލިބޭނެ ކުޅެން." އެސިސްޓަންޓް ކޯޗް ޖުނެއިދު ބުންޏެވެ.

މި ތަމްރީން ދަތުރުގައި ރާއްޖެއިން މިމަހުގެ 14ވަނަ ދުވަހު ކުވެއިތުގެ ޤައުމީ ޓީމާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ކުވެއިތުގެ ޤައުމީ ޓީމާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުން ރާއްޖެވަނީ ސީދާ 3 ސެޓުން ބަލިވެފައެވެ.