ޚަބަރު

ދިވެހި އަސްކަރިއްޔާގެ ތެރެއަށް އެންމެބޮޑަށް ސިޔާސީ ނުފޫޒު ވަނީ ޔާމީންގެ ވެރިކަމުގައި - އާދަމް ޝަރީފް


ފަހުގެ ތާރީޚެއްގައި ދިވެހި އަސްކަރިއްޔާގެ ތެރެއަށް ސިޔާސީ ނުފޫޒު އެންމެބޮޑަށް ވަދެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުކަމަށް އޭރު ޑިފެންސް މިނިސްޓަރުކަން ކުރެއްވި، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "އެކްސްކްލޫސިވް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ. އާދަމް ޝަރީފު ޢުމަރު ޑިފެންސް މިނިސްޓަރުކަމާ ޙަވާލުވެވަޑައިގަތް ދުވަސްވަރު ސިފައިންގެ ތެރޭގައި ވަރަށްބޮޑަށް ސިޔާސީ ނުފޫޒު އޮތްކަމަށާ، އޭގެ ސަބަބުން ނުރައްކާތެރި ބޮޑެތި ކަންތައްތަކެއް ކުރިމަތިވެގެންދިޔަކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއްގޮއްވާލި ޙާދިސާގައި ސިފައިންގެ އިހުމާލުވުމާއި ބައިވެރިވުން އޮތްކަމަށް ދޭހަވާފަދަ މޭރުމަކުން އާދަމްޝަރީފު ވާހަކަފުޅުދެއްކެވިއެވެ.

އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރާ އުޅަނދަކީ ސިފައިން އެންމެބޮޑަށް އޭގެ ސަލާމަތާއި ރައްކާތެރިކަން ބަލައި ކަށަވަރުކުރަންޖެހޭ އުޅަނދުކަމަށެވެ. އެހެންނަމަވެސް ފިނިފެންމާ ޙާދިސާފައި އެކަން އެގޮތަށް ވެފައިނުވަނީ ސިފައިންގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާލެއް ބޮޑުކަމުންކަމަށެވެ. އަދި އޭގެ ފަހުން ހިބަޅިދޫން ފެނުނު ހަތިޔާރުތަކާއި، މާލެތެރެއިން ފެނުނު އައިއީޑީގެ ޙާދިސާފަދަ ކަންކަމުން ފެނިގެންދިޔައީ ސިފައިންގެ ތެރޭގައި އޭރު އޮތް ސިޔާސީ ނުފޫޒުކަމުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ.

އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އޭރު އެގޮތަށް ކަންކަން ވެގެންދިޔައީ، ސިޔާސީ ނުފޫޒު ސިފައިންގެ ތެރެއަށް ނުވަންނާނެގޮތަކަށް ކަންކަން ކުރެއްވުމުގެ ބަދަލުގައި އެކަމަށް ވަރަށްބޮޑަށް މަގުފަހިވާނެގޮތަށް އެތައްކަމެއް ހުރުމުންކަމަށެވެ. އަދި ސިފައިންގެ އެތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުންނާއި، ސިފައިންގެ ބައެއް މީހުންނަނަކީވެސް ސިޔާސީ ބައެއް ބޭފުޅުންނާ އާދައާޚިލާފު ގާތްގުޅުމެއް ބާއްވާ ބައެއްގެގޮތުގައި އޭރު އޮތީ ބައްޓަންވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް ސިފައިންގެ ޤާނޫނާއި ސިފައިންގެ އެތެރޭގައި ކަނޑައެޅިފައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރެވޭނަމަ ސިޔާސީ އެއްވެސް ނުފޫޒެއް ސިފައިންގެ ތެރެއަށް ނުވަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.