ޚަބަރު

ކޮމަންވެލްތުގައި ރާއްޖެ ބައިވެރިވުން އަވަސްކުރުމަށް ގޮވާލި ޤައުމުތަކަށް މިނިސްޓަރުގެ ޝުކުރު!


ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގައި ބައިވެރިކުރުމުގެ މަސައްކަތް އަވަސްކުރުމަށް ބާރުއަޅައި އެކަމަށް ތާއީދުކުރި ޤައުމުތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޝުކުރު އަދާކުރައްވައިފިއެވެ.

މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދިޔަ، ކޮމަންވެލްތް ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އިންޑިއާއާއި ބަންގްލަދޭޝާއި ކެނެޑާއާއި ޕާކިސްތާނާއި ރުވާންޑާއާއި ސްރީ ލަންކާއިން ކޮމަންވެލްތުގައި އަލުން ރާއްޖެ ބައިވެރިވުމުގެ މަސައްކަތް އަވަސްކުރުމަށް ބާރުއަޅައި ކުރި ތާއީދަށް އެ ޤައުމުތަކަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ލަންޑަނުގައި ކުރިއަށްދާ ކޮމަންވެލްތް ފޮރިން މިނިސްޓަރުންގެ 19ވަނަ ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ ތެރެއިން އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް ޖައިޝަންކަރުވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ރާއްޖެއިން ކުރަންޖެހޭ މަސައްކަތްތައް އަވަސްކޮށްދިނުމަށް ގޮވާލައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްރީ ލަންކާއިން ބުނީ ކޮމަންވެލްތާ އަލުން ގުޅުމުގެ މަސައްކަތުގައި، ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް"ގެ ފުރުސަތު ރާއްޖެއަށްވެސް ދޭން ޖެހޭކަމަށެވެ. ރުވާންޑާގެ ވެރިރަށް ކިގާލީގައި އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުގެ ވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބޭނޭގޮތަކަށް އެކަމަށް ވަގުތު އޮއްވައި ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން އަލުން ދިނުމަށް ސްރީ ލަންކާއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ބަންގްލަދޭޝާއި ކެނެޑާއާއި އިންޑިއާއާއި ރުވާންޑާއާއި ޕާކިސްތާނުންވެސްވަނީ ރާއްޖެއަށް މެމްބަރޝިޕް ދިނުން އަވަސްކުރުމަށް ކޮމަންވެލްތުގެ ސެކްރެޓޭރިއޭޓަށް ގޮވާލާފައެވެ.

ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ކުރަމުންދާ މަސައްކަތަށް ތާޢީދުކޮށް އެކުވެރި ޤައުމުތަކުން އަންނަނީ ވާހަކަދައްކަމުންނެވެ. އެގޮތުން، ދާދިފަހުން މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޮސްޓްރޭލިއާ އެމްބެސެޑަރުވެސްވަނީ ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރުކަން ވީހާވެސް އަވަހަށް ލިބުމަށް އޮސްޓްރޭލިއާއިން ބޭނުންވާކަމަށް ވިދާޅުވެފައެވެ.

ކޮމަންވެލްތުގައި ރާއްޖެ އަލުން ބައިވެރިކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވާ ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުވަނީ މި މަސައްކަތުގައި ދެ ފަހަރެއްގެ މަތިން ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވާފައެވެ. މިއާއެކު ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއްވަނީ ރާއްޖެއަށް އައިސް އެސެސްމަންޓެއްވެސް ހަދާފައެވެ. އެ ޖަމާޢަތުގައި ރާއްޖެ އަލުން ބައިވެރިވުމަށް ކޮމަންވެލްތުން އެދުނު ލިޔުންތައް މިނިސްޓަރ ޢަބްދުﷲ ޝާހިދުވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި ބައްދަލުކުރައްވައި އެކަމަނާއަށް އަރުވާފައެވެ.

ދިވެހިރާއްޖެއިން އެންމެ ފުރަތަމަ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982ގައެވެ. އެ ޖަމާއަތުން ރާއްޖެ ވަކިވުމަށް ނިންމީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި 2016ވަނަ އަހަރުގެ އޮކްޓޫބަރު 13ވަނަދުވަހުއެވެ. އެހެން ނަމަވެސް، ޔާމީންގެ ވެރިކަން ނިމުމުން، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވެރިކަމާއި ޙަވާލުވެވަޑައިގެން ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ކުރައްވާނެކަމެއްގެ ގޮތުގައި ހިމަނުއްވައިގެން ކޮމަންވެލްތުގައި ދިވެހިރާއްޖެއިން އަލުން ބައިވެރިވުމަށް ސަރުކާރުންވަނީ، 19 ނޮވެންބަރު 2018ގައި ނިންމަވާފައެވެ.