ޚަބަރު

ށ.މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


އައު އިމާރާތައް އަޅާ ށ.މިލަންދޫ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ށ. މިލަންދޫ ސިއްޙީ މަރުކަޒު އަލަށް ޑިޒައިންކޮށް އެޅުމަށް ހަމަޖެހިފައިވާ އިމާރާތާއެކު ދަރަޖަ 1 ގެ ހޮސްޕިޓަލްއަކަށް ބަދަލުވެގެންދާނެކަމަށެވެ.

ހޮސްޕިޓަލަށް ބަދަލުވުމާއެކު އާ ޚިދުމަތްތަކެއް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުގެ ޚިދުމަތާއި ހޭނައްތާ ޑޮކްޓަރު ޚިދުމަތާއި އޮޕަރޭޝަން ޑޮކްޓަރުގެ ޚިދުމަތާއި އެތެރެހަށީގެ ޑޮކްޓަރުގެ ޚިދުމަތް ހިމެނެއެވެ. މީގެ އިތުރުން ދަތުގެ ޚާއްސަ ފަރުވާއާއި ޑައިލަސިސްގެ ޚިދުމަތާއި ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް ނިންމާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ދަތުގެ ޚާއްސަ ފަރުވާ ،ޑައިލަސިސްގެ ޚިދުމަތް (4 އެނދުގެ) އަދި ފިޒިއޮތެރަޕީގެ ޚިދުމަތް. އެމެޖެންސީ ރޫމް، މައިނަރ OT,ICU,NICU އެކްސްރޭގެ ޚިދުމަތް، ލޭބަރ ރޫމް އަދި އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ވެސް ފެށިގެންދާނެ. ހޮސްޕިޓަލްގެ 5 ވާރޑް (ޖުމުލަ 35 އެނދު ) 6 ކޮޓަރީގެ ޕްރައިވެޓް ރޫމް ހުންނާނެ." މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ޚިދުމަތްތަކުގެ އިތުރަށް ޕަބްލިކް ހެލްތްގެ މަސައްކަތް ހަރުދަނާ ކުރުމަށް ވެކްސިން ސްޓޯރ ކުރާކޮޓަރިއަކާއި ކޮންފަރެންސް ހޯލެއް އިމާރާތް ކުރާނެކަމަށް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ށ މިލަންދޫ ސިއްޙީ މަރުކަޒަކީ 24 ގަޑިއިރު ޚިދުމަތްދޭ ދަރަޖަ 3 ގެ ސިއްޙީ މަރުކަޒެކެވެ. އެތަނުން މިހާރު ލިބެމުންދާ ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތާއި ލޭބަރ ރޫމްގެ ޚިދުމަތުގެ އިތުރުން ގައިނީ ޑޮކްޓަރުންގެ ޚިދުމަތް ހިމެނެއެވެ. މިހާރު މިލަންދޫ ސިއްޙީ މަރުކަޒުގައި ހުންނަނީ 8 އެނދެވެ.

ސ.ހުޅުމީދު ސިއްޙީ މަރުކަޒަށް އިތުރުކުރާ ބައިގެ މަސައްކަތް ކުރުމަށްވެސް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފައިމީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.

1.3 މިލިޔަން ރުފިޔާގެ މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭ ނިންމަންޖެހޭ ގޮތަށެވެ

ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ އައްޑޫ ސިޓީގައި ހުޅުމީދޫއަކީ ވަކިން އޮންނަ ރަށަކަށް ވުމުން ސިއްހީ ނިޒާމްގެ ފައިދާ އެންމެ ރަނގޅަށް ކުރާނީ އެތަނުގައި ހުރި ސިއްޙީ ޚިދުމަތް ދޭތަނަށް ބޮޑެތި ބަދަލުތަކެއްގެނެސްގެންކަމަށެވެ.

އެގޮތުން މިހާރު މި ކުރަނީ ފުރަތމަ ފިޔަވަހީގެ މަސައްކަތް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމަށް ހިމަނާނެކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

" މި މަސައްކަތުގެ ދަށުން ޕްރައިވެޓް ރޫމްތައް ހުންނާނެ، މުވައްޒަފުން ދޭ ޚިދުމަތްތަކަށްވެސް ބަދަލުތަކެއް އަންނާނެ. ލެބޯޓަރީއަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެނައުމުގެ މަސައްކަތް ކުރަމުންދަނީ. މިހާރު ގެނެވޭ ބަދަލުތަކާއެކު ހުޅުމީދުގެ ސިއްހީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުން 10 ސިއްޙީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގައި 5 ސިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި ހޮސްޕިޓަލުތަކުގެ ތެރެއިން ފުރަތަމަ ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ.ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ.ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއި އައްޑޫސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްއެވެ. މި މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ