ކުޅިވަރު

"ފީބާ 3 އޮން 3 އޭޝިޔާ ކުއެސްޓް"ގެ ފައިނަލް ބުރު ރާއްޖޭގައި ބާއްވަނީ!


ފީބާ ތްރީ އޮން ތްރީ އޭޝިޔާ ކުއެސްޓްގެ ފައިނަލް ބުރު ރާއްޖޭގައި ބާއްވަން ނިންމައިފިއެވެ.

އޭޝިޔާގެ އެކި ހިސާބުތަކުގައި ކުޅޭ ފީބާ ތްރީ އޮން ތްރީ އޭޝިޔާ ކުއެޓްގެ ފައިނަލް ބުރު ރާއްޖޭގައި ބާއްވަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަޔަކުން އަށަކަށެވެ. މި މުބާރާތަކީ އޭޝިޔާގެ ހުރިހާ ޤައުމެއްގެ ތްރީ އޮން ތްރީ ޓީމްތައް އެކި ސަރަޙައްދުތަކުގައި ކޮލިފައިން ރައުންޑްތައް ކުޅުމަށްފަހު އެންމެ މޮޅު 32 ޓީމް ވާދަކުރާ މުބާރާތެކެވެ.

އޭޝިޔާގެ ތްރީ އޮން ތްރީގެ އެންމެ ވަރުގަދަ ކުޅުންތެރިން ވާދަކުރާ މި މުބާރާތަކީ ފީބާއިން ތްރީ އޮން ތްރީ އޭޝިޔާ ކުއެސްޓްގެ ނަމުގައި ބާއްވާ ދެވަނަ މުބާރާތެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލް ރައުންޑް ބާއްވާފައިވަނީ ކަޒަކިސްތާނުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ތްރީ އޮން ތްރީގައި ދުނިޔޭގެ އެންމެ ބޮޑު މުބާރާތްކަމަށްވާ ތްރީ އޮން ތްރީ ވޯލްޑް ޓުއަރ މާސްޓަރސްއަށް ކޮލިފައިވާނެއެވެ.

ފީބާ ތްރީ އޮން ތްރީ އޭޝިޔާ ކުއެސްޓަކީ އޭޝިޔާގެ ދަށް ފަންތީގެ ގައުމުތަކަށްވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ދުނިޔޭގެ ބާސްކެޓްބޯޅަ ޖަމިއްޔާ ފީބާއިން މިދިޔަ އަހަރު ފެށި މުބާރާތެކެވެ.

ފީބާ ތްރީ އޮން ތްރީ އޭޝިޔާ ކުއެސްޓަކީ ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ ދެވަނަ ބާސްކެޓްބޯޅަ މުބާރާތެވެ. މީގެ ކުރިން ރާއްޖޭގައިވަނީ ސާބާ ބާސްކެޓްބޯޅަ މުބާރާތްވެސް ބާއްވާފައެވެ.