ޚަބަރު

ޖޭ.ސީ.އެމް މަސައްކަތު ބައްދަލުވުން ފަށައިފި


"ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް" (ޖޭ.ސީ.އެމް) މަސައްކަތު ބައްދަލުވުން ރާއްޖޭގައި ފަށައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލުގައި ކުރިއަށްދާ މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަދައްކަވާފައެވެ. އަދި މިފަދަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގަންޖެހޭނީ ހަމައެކަނި ދިވެހިން ނޫންކަމަށާއި، މުޅި ދުނިޔެއިންވެސް މިކަމުގައި ޒިންމާ ނަގައި މިކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ބައްދަލުވުމުގެ މަޤްސަދަކީ ޖޭސީއެމް ޕްރޮޖެކްޓް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ހަދާފައިވާ އެހީދިނުމުގެ ނިޒާމުތަކާއި ބެހޭގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ.

ޖުމްލަ 8 ސެސަންއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ރާއްޖެ އާއި ޖަޕާން ހިމެނޭހެން ޖުމްލަ 50 މީހުން ބައިވެރިވެއެވެ.

ބައްދަލުވުމުގެ ސެޝަންތައް ނަގައިދޭނީ އޭޑީބީގެ އިތުރުން ޖަޕާނާއި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަންނީ އިސްބޭފުޅުންނެވެ.

ޖޭ.ސީ.އެމްއަކީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލަށްވުރެ އަގުހެޔޮ އަދި ފަސޭހައިން ލިބެން ހުންނަ އިޔާދަކުރަނިވި ވަސީލަތްތައް ހެޔޮއަގުގައި ފަސޭހައިން ބޭނުންކުރުމަށް މަގުފަހި ކުރުމަށް ތައްޔާރުކޮށްފައިވާ މެކޭނިޒަމެކެވެ.

މި ނިޒާމުގެ ތެރެއިން ކުރިއަށްގެންދެވޭ މަޝްރޫއުތަކުން ލިބޭ ކާބަން ކްރެޑިޓް ކްރެޑިޓް ލިބޭނީ ދެފަރާތް އެއްބަސްވާ އުސޫލެއްގެ މަތިންނެވެ. މިކަމުން ރާއްޖެއަށް ލިބޭނެފައިދާއަކީ ކާބަން މަދުކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް ރާއްޖެއަށް ތައާރަފްކުރެވި ތެޔޮ ބޭނުންކުރެވޭ މިންވަރު މަދުކުރެވުންކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ. މިނިޒާމުގެ ސަބަބުން ރާއްޖޭގައި މި މަސައްކަތް ކުރާ ފަރާތްތަކުގެ އިންސާނީ ވަސީލަތްތައް ތަރައްޤީވެ ކުރިއެރުމަށް އިތުރު ބާރަކަށްވާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިއީ ޖަޕާނު ސަރުކާރާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގުޅިގެން ހިންގާ މަސައްކަތު ބައްދަލުވުމެކެވެ.