ކުޅިވަރު

ބޭލް ހޯދުމަށް ޗައިނާގެ ކުލަބަކުން ބޮޑު ހުށައެޅުމެއް!


ރެއާލް މެޑްރިޑްގެ ގެރެތް ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުން ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްޕެއިންގެ ނޫސްތަކުން ބުނާގޮތުން ބޭލް ހޯދުމަށް ޗައިނާގެ ކްލަބަކުން މަސައްކަތް ކުރަމުން އަންނައިރު، އެ ކްލަބުން އޭނާއަށް ހުށަހަޅާފައިވަނީ ރެއާލްގައި ލިބޭ މުސާރައަށްވުރެ ދެގުނަ ބޮޑު މުސާރައެއް ކަމަށެވެ. ބެލެވޭ ގޮތުގައި ބޭލްއަށް ހަފްތާއަކު ޗައިނާގެ ކްލަބުން ހުށަހަޅާފައިވަނީ 1.2 މިލިއަން ޕައުންޑުގެ މުސާރާއެކެވެ.

ރެއާލްއަށް 2013 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވި ބޭލް އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ގެ ނިޔަލަށެވެ. ސައުތުހެމްޕްޓަން އިން 2005 ވަނަ އަހަރުގެ ސީޒަނުގައި ކެރިޔަރު ފެށި ބޭލް ވަނީ ޓޮޓެންހަމް ހޮޓްސްޕާއަށް 2007 ވަނަ އަހަރުގެ ސީޒަނުގައި ބަދަލުވެ، އެ ކްލަބުގައި ހަ ސީޒަން ހޭދަކޮށްފައެވެ.

ބޭލް ވަނީ ރެއާލްއަށް މިހާތަނަށް ކުޅުނު 231 މެޗުގައި 102 ލަނޑު ކާމިޔާބުކޮށް، އެ ކްލަބާ އެކު ހަތަރު ޗެމްޕިއަންސް ލީގު، ތިން ޔުއެފާ ސުޕަ ކަޕް، ތިން ކްލަބް ވޯލްޑް ކަޕް، އެއް ސްޕެނިޝް ލީގު، އެއް ކޮޕަ ޑެލްރޭ އަދި އެއް ސްޕެނިށް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.