ވިޔަފާރި

ފުރަތަމަ ހަ މަސްދުވަހު އައިލެންޑް އޭވިއޭޝަނަށް ފައިދާ


ރާއްޖޭގެ އެތެރޭގެ އުދުހުމުގެ އަގުހެޔޮ ކުރިނަމަވެސް މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ފައިދާވެފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާބެހޭ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާތީ ބޮޑެތި ޚަރަދުތަކެއްވެސް ހިނގަމުންދާކަމަށެވެ. މީގެ އިތުރުން ތެލަށް ކުރާ ޙަރަދުވެސް މިދިޔަ އަހަރަށްވުރެ މިއަހަރު އިތުރުވެފައިވާކަންވެސް ރިޒްވީ ފާހަގަކުރެއްވިއެވެ. ނަމަވެސް އެހުރިހާ ކަމަކާއެކީވެސް މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާއަށްވުރެ މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އައިލެންޑް އޭވިއޭޝަނަށް ލިބުނު ފައިދާ އިތުރުކުރުމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ޓިކެޓްގެ އަގު ހެޔޮކޮށްފައިވާއިރު އެއަގުތައް އެގޮތުގައި ހިފަހައްޓައިގެން ކުންފުނި ހިންގޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އެކަމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި ނަމަވެސް މިހާތަނަށް އެކުންފުނިން އެކަން ހާސިލްކޮށްފައިވަނީ ސަރުކާރުގެ މާލީ އެހީތެރިކަމާނުލާކަން ރިޒްވީ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން އައިލެންޑް އޭވިއޭޝަނުން ވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށްފައެވެ. އެގޮތުން ކުރިން ނަގަމުން އައި އަގުތަކުން 25 އިންސައްތަ އާއި 30 އިންސައްތަ ދެމެދުގެ މިންވަރަކަށް ވަނީ ކުޑަކޮށްފައެވެ.