ނޮވެމްބަރު 3، 1988ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގައި އެޙަމަލާގައި ކުށެއްނެތް 19 ދިވެހިން ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށް، އެތައްބަޔަކު ރަޙީނުކުރުމުގެ އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ބާޣީ އަބްދުﷲ ލުތުފީ މިރޭ 21:30ގައި ރާއްޖެ ގެންނަކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.
ފުލުހުން ވިދާޅުވީ ލުޠުފީ ރާއްޖެގެންނަނީ އެމިރޭޓްސް ފްލައިޓް އީކޭ 653 އިން ކަމަށެވެ. އޭނާ ގެންނަނީ ފުލުހުންގެ ޓީމެއްގެ ބެލުމުގެ ދަށުންކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ. އަދި ރާއްޖެ ގެނައުމާއެކު އޭނާގެމައްޗަށް ތަންފީޒުކުރަމުންދާ ޖަލުޙުކުމް ފުރިހަމަކުރުމަށްޓަކައި އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ޙަވާލުކުރާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު ލުތުފީ އަމިއްލަ އަށް ޙާޒިރުވެ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެކަމުގެ މަޢުލޫމާތު ޢާންމުނުކޮށް ސަރުކާރުން އޮތީ ގިނަދުވަސްތަކެއް ވަންދެން ސިއްރުކޮށްފައެވެ.
1988ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާ އާއި ގުޅިގެން ހ.ހާޖަރާގޭ ޢަބްދުﷲ ލުތުފީގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޛު ކުރަމުންދަނިކޮށް އޭނާ ފިލާފައިވަނީ 2010ވަނަ ޖެނުއަރީ މަހުގެ 16ވަނަ ދުވަހު އޭރުގެ ސަރުކާރުގެ ހުއްދައާއެކު ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ދިއުމަށްފަހުއެވެ. އެނބުރި ޤައުމަށް ނައިސް އޭނާ ފިލާފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ "އިންޓަރޕޯލް" މެދުވެރިކޮށް ޢަބްދުﷲ ލުތުފީ ހޯދުމަށް "ރެޑް ނޯޓިސް" ނެރެފައެވެ.
މިދިޔަ މެއި މަހުގެ 1ވަނަ ދުވަހު، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ލުތުފީ އަމިއްލަ އަށް ޙާޒިރުވުމުން، އެކަން ދައުކަތުން ހާމަނުކުރައްވައި، އޮތް މައްސަލާގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށް އަމާޒުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންވަނީ ލުޠުފީ ރާއްޖެ ގެނައުން ލަސްވާތީ ގިނަ ސުވާލުތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވާފައެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ލުޠުފީ އަމިއްލައަށް ޙަވާލުވުމާއެކު ދުވަހުންދުވަހަށް އެމަނިކުފާނަށް އެޚަބަރު ލިބުނުކަމަށެވެ. އަދި ފުލުހުންނާއި އެމްއެންޑީއެފްގެ ލަފެއާއިއެކު ދައުލަތުގެ ބެލުމުގެ ދަށުގައި ލުޠުފީ ބެހެއްޓިކަމަށާ، އެއީ ދައުލަތުގެ ބެލުމުގެ ދަށުން ދެވަނަފަހަރަށް ލުތުފީ ފިލުމުގެ ފުރުޞަތު ނުދިނުންކަމަށް އެޅުއްވި ފިޔަވަޅެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ ލުޠުފީ ރާއްޖެއަށް ގެނައުން، މިހާތަނަށް ލަސްވީ އޭނާއަކީ ފިލައިގެން އުޅޭ މީހަކަށްވާތީކަމަށެވެ. އަދި ސްރީލަންކާގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއާއި ލުޠުފީއާ އެއްވެސް ގުޅުމެއްވޭތޯ ސްރީ ލަންކާ ސަރުކާރުން ބަލަން ބޭނުންވުމުގެ ސަބަބުން އޭނާ ގެނައުމުގައި ލަސްތަކެއް ދިމާވީކަމަށް ރައީސް ވިދާޅުވިއެވެ. ލުޠުފީ ހުރީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައިކަމާއި އޭނާއަށް ވީއައިޕީ ޚިދުމަތް ލިބޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑޫވުން ފާޅުކުރަމުންނެވެ. ނަމަވެސް ރައީސް ވިދާޅުވީ ލުޠުފީ ހުރީ އެމްބަސީގައި ނޫންކަމަށާއި، އޭނާހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށެވެ.
ލުޠުފީ ދައުލަތުގެ ބެލުމުގެ ދަށަށް އައުމުން އެވާހަކަތައް ހާމަނުކުރި ސަބަބާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ވިސްނިވަޑައިގަތް އެންމެ ރަނގަޅުގޮތަކީ ދައުލަތުގެ ބެލުމުގެ ދަށުން ލުތުފީ ރާއްޖެ ގެނެސް ޖަލަށް ލުމަކީ އެންމެ މުހިންމު ކަންތައްކަމަށެވެ.
ލުޠުފީ ރާއްޖެ ގެނައުމަށް 2 މިލިއަނެއްހާ ރުފިޔާ ހޭދަވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު ރައީސް ވިދާޅުވީ ލަންކާގައި ޤަވާއިދާއި ޚިލާފަށް އޭނާ އުޅޭފައިވާތީ 3000 އެމެރިކާ ޑޮލަރު ދައްކަންޖެހޭކަމަށެވެ. އެފައިސާ ދައްކައި އޭނާ ގެނައުމުގެ ޓިކެޓްނަގާނީވެސް މިސަރުކާރުންކަމަށް ރައީސް ވިދާޅުވިއެވެ.
ހ.ހާޖަރާގޭ ޢަބްދުﷲ ލުޠުފީއަކީ 1988ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3ވަނަ ދުވަހު ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް ޢުދުވާނީ ޙަމަލާދިން ޓެރަރިސްޓެވެ. އެއީ އެދުވަހު ދިވެހި ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާދެކޮޅަށް ހަތިޔާރާއެކު ނުކުމެ ބަޣާވާތްކުރި އިސް ބާޣީއެވެ. އެދުވަހުގެ އުދުވާނީ ހަމަލާގައި ދިވެހިންގެ ކުށެއް ނެތް 19 މީހުންވަނީ ޝަހީދުކޮށްލާފައެވެ. އަދި އެއް ދިވެހިންނެއް ޒަޚަމްކޮށް އެތައް ދިވެހިންނެއް ރަހީނުކޮށްފައިވެއެވެ. މިޢުދުވާނުގައި ލުޠުފީވަނީ ދިވެހިޤައުމަށް ދުވަހަކުވެސް ޢިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންދީފައެވެ.
މި މައްސަލާގައި ލުތުފީ މަރަން ހުކުމްކުރިއެވެ. އެހެންނަމަވެސް ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން މަރަން ހުކުމްކުރި ކުށްވެރިންގެ އަދަބު އޭރުގެ ރައީސް މައުމޫންވަނީ ލުއިކޮށްދެއްވައި އެއަދަބު އުމުރު ދުވަހުގެ ޖަލުގެ އަދަބަކަށް ބަދަލުކޮށްދެއްވާފައެވެ.