ވިޔަފާރި

އޭވިއޭޝަން ސިނާޢަތަށް އަންނަ ވާދަވެރިކަމާއެކު މުސާރަތައް ބޮޑުކުރަންޖެހޭ


އޭވިއޭޝަން ސިނާޢަތުގެ ވާދަވެރިކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޓެކްނިކަލް މުވައްޒަފުންގެ މުސާރައަށް އަބަދުވެސް ބަދަލު ގެންނަމުންދާކަމަށް ޤައުމީ އެއަރލައިން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަނުން މިކަން ހާމަކުރީ އެކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާބެހޭ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އައިލެންޑް އޭވިއޭޝަންގެ މުސާރައިގެ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، އެކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށެވެ. ރިޒްވީ ވިދާޅުވީ އެކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި ނަމަވެސް އެއީ މިއަހަރުގެ ބަޖެޓްގެ ތެރޭގައި ހިމަނައިގެން ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ. ނަމަވެސް އެ ބަދަލުގެ ތެރެއިންވެސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރގެ މުސާރަ ބޮޑުކޮށްފައިނުވާކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ އޭވިއޭޝަން ސިނާޢަތަކީ ރާއްޖޭގައި ވާދަވެރި ސިނާޢަތެއްކަމުން އެކުންފުނީގައި މަސައްކަތްކުރާ ޓެކްނިކަލް ސްޓާފުންގެ މުސާރަ ބޮޑުކުރަން މަޖުބޫރުވާކަމަށެވެ. އަދި އެގޮތަށް އެކަން ނުކޮށްފިނަމަ ކުންފުނީގެ އޮޕަރޭޝަންތަކަށް ބުރޫ އަރާނެކަމަށް ރިޒްވީ ވިދާޅުވިއެވެ.

"ޓެކްނިކަލް ބޭފުޅުންގެ މުސާރައިގެ ވާހަކަ ދައްކާއިރު، ކޮމްޕެޓިޝަންގައި މިއަންނަ ޑިމާންޑާ އެއްވަރަށް އެބޭފުޅުންގެ މުސާރަތަކަކީ ކުންފުނީގެ ނިސްބަތުން ބޮޑެތި މުސާރަތަކެއް. އެބޭފުޅުންގެ މުސާރަ އަހަރުން ނުވަތަ ދެ އަހަރުން އަބަދުވެސް ބަދަލުކުރަމުންދޭ" ރިޒްވީ ވިދާޅުވިއެވެ.

ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އައިލެންޑް އޭވިއޭޝަންގެ ސްޓާފުންގެ މުސާރަ ކުޑަކަމަށާއި، މުސާރަތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެކަމަށްޓަކައި އެޗްއާރު އޮޑިޓެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަން ޖެނިފާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޖެނަރަލް މުވައްޒަފުންގެ މުސާރައަކީ ދަށް މުސާރައެއް. އެކަމަކު ކުންފުނީގައި އެބަތިބި ވަރަށް ބައިވަރު އެކްސެސް ސްޓާފުން. އަޅުގަނޑުމެން މިދަނީ މިނިވަން ބަޔަކު ލައްވާ އެޗްއާރު އޮޑިޓެއް ހަދަމުން. ހުރިހާ މުވައްޒަފުންނަށްވެސް ޔަޤީންކަން ދީފައި އޮންނާނެ މުވައްޒަފުންގެ ވެލްފެއާއަށޭ އިސްކަންދޭނީ. އެހެންވީމަ ސްޓާފުންގެ މުސާރަ ބޮޑުކުރާނަން. އެއްބައި ތަންތަނުގައި އެބަތިބި މުވައްޒަފުން ތިބެންޖެހޭވަރަށްވުރެ ގިނައިން. އަނެއް ބައި ތަންތަނުގައި އެބަތިބި ތިބެންޖެހޭ ވަރަށްވުރެ މަދުން ތިބެގެން ޗުއްޓީ ނުދެވޭ ޑިޕާޓްމަންޓްތައްވެސް. އެހެންވީމަ އެޗްއާރު އޮޑިޓަށްފަހު ބަދަލުތައް ގެންނާނެ" ޖެނިފާ ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކާބެހޭ ކޮމިޓީއަށް މަޢުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ މިސަރުކާރުން ވެރިކަމާ ޙަވާލުވިއިރު 1188 މުވައްޒަފުން ތިބިއިރު، މިހާރު އެއަދަދު އުޅެނީ 1247 ގައެވެ. ނަމަވެސް އަދިވެސް އެކުންފުނީގެ ބައެއް ޓެކްނިކަލް ދާއިރާތަކަށް ބޭނުންވާ ސްޓާފުން މަދުކަން ރިޒްވީ ވިދާޅުވިއެވެ. އެހެންކަމުން ޕައިލެޓުން ތަމްރީންކޮށް، މިހާރު ތިބި ޕައިލެޓުންނަށް އިތުރު ތަމްރީންތައް ދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވިއެވެ.