ސިޔާސީ

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރާ ބިލް ބަލައިގެންފި


ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު 7 ފަނޑިޔާރުންނަށް ބަދަލުކުރުމަށް ކޯޓުތަކުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވެއިރު ދާއިރާގެ މެނބަރު އަލީ އާޒިމް ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައިގެންފައިވަނީ މިއަދު ނެގި ވޯޓުގައި ބައިވެރިވި 72 މެންބަރުން އިއްތިފާގުންނެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރ 2008 ގައެވެ. އޭރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައްޔަނުކުރެއްވީ 5 ފަނޑިޔާރުންނެވެ. އުއްތަމަ ފަނޑިޔާރަކަށް ހުންނެވީ އަބްދުﷲ ސަޢީދުއެވެ.

ނަމަވެސް 2010 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 10 ވަނަ ދުވަހު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލުކޮށް، އަލުން ފަނޑިޔާރުން އައްޔަންކުރެއްވިއެވެ. އެފަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އަހުމަދު ފާއިޒް ހުސައިންނެވެ.

އޭގެފަހުން އަނެއްކާވެސް ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރިއެވެ. އެފަހަރު ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ކުޑަކުރުމުން، މަޤާމު ގެއްލުނީ އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުޢަތަސިމް އަދުނާންއެވެ. އަދި 2014 ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަނެއްކާވެސް އަބްދުﷲ ސަޢީދު އައްޔަނުކުރެއްވިއެވެ.

ނަމަވެސް ޖީނާޢީ ކުށެއްގެ ސާބިތުވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރަަކަށް ހުންނެވި އަބްދުﷲ ސަޢީދު ފަނޑިޔާރުކަމުން ވަކިކޮށް، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މިހާރު އެމަޤާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަންކުރެއްވީ 2018 ވަނަ އަހަރުގެ ޖޫންމަހުގެ 28 ވަނަ ދުވަހުއެވެ.