ވިޔަފާރި

މަހާޖައްރާފުގެ ސަބަބުން ގެއްލުންވި 20 މިލިއަން ޑޮލަރު ހޯދުމަށް ހިއްސާދާރުން ގޮވާލައިފި


މަހާޖައްރާފުން ގެއްލިފައިވާ 20 މިލިއަން ޑޮލަރު ހޯދުމަށް ހިއްސާދާރުން ގޮވާލައިފިއެވެ.

އެމްޓީސީސީގެ ޙިއްސާދާރުން މަހާޖައްރާފާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެކުންފުނީގެ އަހަރީ ޢާއްމު ޖަލްސާގެ ތެރެއިންނެވެ.

އެމްޓީސީސީގެ 2018 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކުންފުނީގެ ހިއްސާ ނުބެހުމާއި ގުޅިގެން ހިއްސާދާރުން ހުށަހެޅި ކަންބޮޑުވުންތަކެވެ.

ކުންފުންޏަށް ލިބޭ އާމްދަނީއާއި ކުންފުންޏަށް ލިބޭ ގެއްލުމާއި މެދު ހިއްސާދާރުން ގިނަ ކަންބޮޑުވުންތައް ފާހަގަކޮށްފައިވާއިރު މީގެތެރެއިންވެސް ހިއްސާދާރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެމްޓީސީސީން ބޮޑު އަގުގައި ގަނެފައި އޮތް "މަހާޖައްރާފު" އެވެ.

މަހާޖައްރާފަކީ ބިންހިއްކުމަށްޓަކައި 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އޭރުގެ ސަރުކާރުން ބަނދެފައިވާ އުޅަނދެކެވެ. މިއީ ބިންހިއްކުމުގެ މަސައްކަތް ފުޅާކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބިންހިއްކުމުގެ ބޮޑެތި މަޝްރުޢުތައް ކުރިއަށްގެންދިއުމަށް 2017 ވަނަ އަހަރު ބަނދެގެން ރާއްޖެ ގެނައި އުޅަނދެކެވެ.

ޖަލްސާގައި އާންމު ހިއްސާދާރުންނަށް ސުވާލުކުރުމަށް ހުޅުވާލުމާއެކު ކުންފުނީގެ އާންމު ހިއްސާދާރެއްކަމަށްވާ އަބްދުލް ބާރީ ވަނީ މަހާ ޖައްރާފާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އެމްޓީސީސީއާއި އަމާޒުކޮށްފައެވެ. އެގޮތުން ނުއަގުގައި ބޮޑު އުޅަނދެއް ގަތުމުން ކުންފުންޏަށާއި ހިއްސާދާރުންނަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭނާ ވަނީ 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ކުންފުންޏަށް ލިބިފައިވާކަމަށް ތުހުމަތުކޮށްފައެވެ. އަދި މިކަމުގައި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ އޭނާ ވަނީ މިނިވަން ކޮމިޓީއަކުން މި މައްސަލަތައް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

"މަނިކުފާނު މިޑިއާގައި ވިދާޅުވެފައި އެބައޮތް މިހާރު އެމްޓިސީސީގައި އޮތް މަހާޖައްރާފުގެ އަގަކީ 16 މިލިއަން ޑޮލަރުކަމަށް. އަޅުގަނޑުވެސް މިކަން ބަލައިފިން. ތެދުފުޅެއް! ސޯޅަ ސަތާރަ މިލިއަނަށް ލިބޭނެ. އޭގެ މާނައަކީ ކޮބައިތޯއޭ އަނެއް 20 މިލިއަން ޑޮލަރު. ކޮބައިތޯއޭ އަޅުގަނޑުމެންގެ ހިއްސާދާރުންގެ އަނެއް 20 މިލިއަން ޑޮލަރު. " އެމްޓީސީސީގެ ހިއްސާދާރަކު ވިދާޅުވިއެވެ.

މަހާޖައްރާފުގެ އިތުރުން ވެސް އިތުރު ޕްރޮޖެކްޓްތަކަށް ލިބުނު ގެއްލުމުގެ ވާހަކަ މިޖަލްސާގައި ހިއްސާދާރުން ފާހަގަކުރިއެވެ.

އެގޮތުން މިދިޔަ ސަރުކާރުން އޭރުގެ ސަލްޓަން ޕާކް ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ މަޝްރުޢުގެ ދަށުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބި ހިއްސާދާރުންގެ ފައިސާ ގެއްލިފައިވާކަމަށް ގިނަ ހިއްސާދާރުން ވަނީ ތުހުމަތުކުރައްވާފައެވެ. އެގޮތުން މި މަޝްރުޢުގެ ދަށުން 13 މިލިއަން ރުފިޔާ ގެއްލުނުކަމަށް އެމްޓީސީސީން ބުނެއެވެ.

މިކަމާއި ބެހޭގޮތުން ވާހަކަދައްވަމުން ސިއީއޯ ޝާހު ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކުންފުންޏަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ފޫބެއްދުމަށްޓަކައި ކުންފުނިން މިހާރު މަސައްކަތްކުރަމުންދާކަމަށެވެ.

"އެމްޓީސީސީއަކީ ވެސް ބޮޑު ކުންފުންޏެއް. ކުންފުނީގެ ބިޒްނެސް ޕްލޭންއެއްވެސް އޮވޭ. މިކަންތައްތައް ހާސިލްކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑު ޤަބޫލުކުރަން ރިވިއުކުރަން ޖެހޭ ކަންތައްތައް ވެސް އެބަހުރިކަމަށް"

ސީއީއޯ ޝާހު ވިދާޅުވީ އެމްޓީސީސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުންފުނީގެ އޮނިގަނޑު އިސްލާހުކޮށް ކުންފުނިން ދެވޭ ޚިދުމަތްތައް މިއަހަރުގެ ތެރޭ ރަނގަޅުކުރާނެކަމަށެވެ.