ތަޢުލީމު

ނުރަސްމީ ތަޢުލީމާއި ގުޅޭ ޕޮލިސީއެއް ހަދަނީ


ދިވެހިރާއްޖޭގައި ނުރަސްމީ ތަޢުލީމުގެ ޕޮލިސީއެއް އެކުލަވާލައި، އެ ޕޮލިސީ ތަންފީޒްކުރުމަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ފަށައިފިއެވެ. ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ކުރުމަށް މިއަދު ވަނީ ކޮންސަލްޓަންޓެއް ހަމަޖާއްސާފައެވެ.

ނުރަސްމީ ތަޢުލީމުގެ ޕޮލިސީ އެކުލަވާލުމުގެ ދިރާސާތައް ކުރުމަށް ހަވާލުކޮށްފައިވަނީ އެކަޑެމިކް އެންޑް ރިސަރޗް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް ޑރ ސީމާ ސައީދާއަށެވެ. މި އެއްބަސްވުމުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންއައިއީގެ ޑިރެކްޓަރ މުޙައްމަދު ނަސްރެވެ.

ނުރަސްމީ ތަޢުލީމަކީ ސްކޫލުން ބޭރުން ލިބިގަންނަ ތަޢުލީމެވެ. އެ ޕޮލިސީ އެކުލަވާލުމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެޑިއުކޭޝަން މިނިސްޓްރިގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އެ މަސައްކަތުގެ ތެރެއިން ރަށްރަށުގައި ދޭ ނުރަސްމީ ތަޢުލީމުގެ ދާއިރާތަކަކީ ކޮބައިތޯ ބަލާއި ޖަމިއްޔާ ޖަމާތްތަކުގެ އެހީގައި ދޭ އެކި ކަހަލަ ތަޢުލީމާއި ގުޅޭ މަޢުލޫމާތުތައް އެއްކުރާނެ ކަމަށެވެ.

އަދި ސްކޫލް ތަޢުލީމުގެ ބޭރުން މީހުން ޝައުގުވެރިވާ ދާއިރާ ތަކަކަކީ ކޮބައިކަން ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ 98 ޕަސެންޓު ލިޔަންކިޔަން ދަންނަ ޤައުމެއްގެ ގޮތުގައި ހެދުމަށް ނުރަސްމީ ތަޢުލީމު ބޮޑު ދަޢުރެއް އަދާކުރިކަން ފާހަގަކުރައްވައި އަބްދުﷲ ރަޝީދު ވިދާޅުވީ ނުރަސްމީ ތަޢުލީމު ކުރިއެރުވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށެވެ.

"ރައްޔިތުން ނުރަސްމީ ތަޢުލީމު ބޭނުންވާ ދާއިރާތައް ދެނެގަނެވޭނެ. މިކަމަށް ޕޮލިސީއެއް ހެދުމަށްފަހު، ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ހަދައި، ޤައުމީ ފެންވަތެއްގައި މަސައްކަތް ކުރާނަން،" އަބްދުﷲ ރަޝީދް ވިދާޅުވިއެެވެ.

މިމަސައްކަތަށް ހަމަޖެއްސެވި އެކަޑެމިކް އެންޑް ރިސަރޗް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް ޑރ ސީމާ ސައީދު ވިދާޅުވީ މީހުންގެ ހުނަރާއި ޝަޢުގު ހުންނަ ދާއިރާތަކުން ކުރިއެރުމުގެ ފުރުސަތު ފުޅާކުރަންޖެހޭ ކަމަށެވެ. އަދި އެ ހުނަރުތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ގޮތްތައް ދަސްކޮށްދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ ތަޢުލީމަށް މޮޅު މީހެއް ނަމަވެސް އާ ހުނަރުތައް އުންގެނެން އެބަޖެހޭ. މިސާލަކަށް ޑޮކްޓަރެއް ވިޔަސް އޭނާ އައިޓީއާއި ރޮބޮޓިކްސްފަދަ ކަކަން އެބަ ދަސްކުރަންޖެހޭ." ސީމާ ސަޢީދު ބިދާޅުވިއެވެ.

މި މަސައްކަތުގެދަށުން ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުން ނުރަސްމީ ތަޢުލީމު ދެވޭނެ ގޮތްތައް ދިރާސާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނުރަސްމީ ތަޢުލީމުގެ ކަންކަން މޮނިޓަރ ކުރާނެ ނިޒާމެއްވެސް ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މި މަސައްކަތުގެ ދަށުން ވައިބާއާއި ފޭސްބުކް މެދުވެރިކޮށް އާއްމުންގެ ޚިޔާލު ހޯދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ. އަދި މި މަސައްކަތުގައި އަތޮޅު ކައުންސިލްތަކުގެ މެންބަރުންނާއި، ކަމާއި ގުޅުންހުރި އިދާރާތަކުން ބައިވެރިވުމަށް ވެސް ވަނީ ހަމަޖެހިފައިވެއެވެ.