ސިޔާސީ

ގެއްލިފައިވާ ޝަފީއުގެ މައްސަލަ ބަލަން ކޮމިޝަނުން ފުވައްމުލަކުގައި


މީގެ ދެ އަހަރު ކުރިން ފުވައްމަލު ސިޓީން ވީނުވީއެއް ނޭނގި ގެއްލިފައިވާ މުހައްމަދު ޝަފީއުގެ މައްސަލަ ބަލަން، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާ ބެހޭ ރިޔާސީ ކޮމިޝަންގެ ޓީމެއް ފުވައްމުލަކަށް ހިނގައްޖެ.

ފުވައްމުލަކު ދީޑިގަމު އަވަށު އޮޅުތެރޭގެ އުމުރުން 42 އަހަރުގެ ޝަފީއު، ގެއްލުނީ 2013ވަނަ އަހަރުގެ ޖުލައި މަހުގެ 14ވަނަ ދުވަހުއެވެ. އޭނާ ގެއްލުނީ އެދުވަހުގެ ރޭ އޭނާ ގެއިން ނިކުތް ފަހުންނެވެ. މިހާތަނަށްވެސް އޭނާގެ އެއްވެސް ހަބަރެއް ވެފައެއްނުވެއެވެ.

ޝަފީއު ގެއްލުނު މައްސަލައާ ގުޅިގެން އާންމު މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން އެ ކޮމިޝަނުން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަފީއުއަށް ވީ ގޮތް ބަލަން ކޮމިޝަނުގެ ތަހުގީގު ޓީމެއް އެ ރަށުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި ޝަފީއު ގެއްލުނު މައްސަލައިގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޝަފީއު ހޯދުމަށް ފުވައްމުލަކު ރައްޔިތުންނާއި ފުލުހުން ގުޅިގެންވެސް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.