ސިޔާސީ

އަނިޔާކުރި ފޮޓޯތައްކަމަށް ބުނެ ދައުރުވަނީ ސައްޙަ ފޮޓޯތަކެއް ނޫން - ފުލުހުން


ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާކުރި މައްސަލާގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް އެކަމުގެ ޖިނާއީ ތަހުގީގެއް ހިންގަން ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފުލުހުންނަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން މ. އުޖާލާ ނަމަކަށް ކިޔާ ގެއެއް ބަލާފާސްކުރިއިރު އެ ގެއަށް އައި 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް މަސްތުވާތަކެއްޗާއި އެކުގައި ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ހަމަ އެގޭގައި ދިރިއުޅޭ 28 އަހަރުގެ ފިރިހެނެއް ކުޑަދޮރުން ބޭރަށް ފުއްމާލައިގެން ފިލަން މަސައްކަތް ކުރިކަމަށާއި ފުލުހުން އެނާ ފަހަތުން ދުވެފައި ގޮސް އެނާވެސް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. މި އޮޕަރޭޝަންގައި 461 ގްރާމުގެ މަސްތުވާތަކެތި ފުލުހުން ވަނީ އަތުލައިގެންފައެވެ.

މި މީހުން އަތުލައިގަތުމަށް ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާއަށް ފުލުހުން އަނިޔާ ކުރަމުންދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. ފުލުހުންގެ ބަޔާނުގައި ވަނީ ހައްޔަރުކުރާ މީހަކަށް އަނިޔާކުރުމަކީ
ފުލުހުންގެ ކޯޑް އޮފް އެތިކްސް' އަދި 'ކޯޑް އޮފް ކޮންޑަކްޓް' އާއި ހިލާފު އަމަލުތަކެއްކަމަށެވެ.

މި މައްސަލާގައި ހަތް މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ވެސް މި މައްސަލަ ބަލާދިނުމަށްކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންފައިވާކަންވެސް ފުލުުހުންގެ ބަޔާނުގައިވެއެވެ. އަދި މިމައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށްޓަކައި ހާއްސަ ޓީމެއް އެކުލަވާލާ އެ މަސައްކަތް ފަށާފައިވާކަންވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މިނިވަން މުއައްސަސާތަކުން މި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް، އެ އަމަލުތައް ހިންގީ ވަކި ބައެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ފުލުހުންގެ މުވައްޒަފުންތަކެއްގެ ފޮޓޯޖަހާ، އެ މުވައްޒަފުންނަށް އެކި ގޮތްގޮތުން އިންޒާރުދީ ބިރުދައްކަމުންދާތީ ސައްހަ ނޫން މައުލޫމާތު މިފަދަ ގޮތްގޮތަށް ދައުރު ނުކުރުމަށްވެސް ފުލުހުންގެ ބަޔާނުގައިވަނީ ގޮވާލާފައެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކުރި އަދި ފުލުހުން އަނިޔާކުރި ދެ މީހުން ޑޮކްޓަރަށް ދައްކައި އެމީހުންނަށް ފަރުވާ ދީފައިވާނެ ކަމަށާއި އެ އޮޕަރޭޝަންގައި ފުލުހުން ކޮށްފައިވާ އަނިޔާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަކީ އެހާދިސާ އާއި ގުޅުން ހުރި ފޮޓޯތަކެއް ނޫންކަމަށްވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.

ދިވެހި ފުލުހުންގެ ފަރާތުން، ފުލުހުންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓް' އަދި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފުވާފަދަ ކަންކަން ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަފަޅުތައް އަޅަމުންގެންދާނެ ކަމަށާއި ފުލުހުންގެ ޕްރޮފެޝަނަލިޒަމް ރަނގަޅު ކުރުމަށްޓަކައި ސްޓްރެޓީޖިކް ޕްލޭންގެ ތެރެއިންވެސް ގިނަގުނަ މަސައްކަތްތައްކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.