ވިޔަފާރި

ހުޅުމާލޭ ލޯކަލް މާރުކޭޓް މިމަހު ހުޅުވަނީ


ހުޅުމާލެ ފެރީ ޓަރމިނަލް ކައިރީ ހަދާފައިވާ ލޯކަލް މާރުކޭޓް މިމަހު އާއްމުންނަށް ހުޅުވާލާނޭކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދު ވިދާޅުވީ، ލޯކަލް މާރުކޭޓްގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މާރުކޭޓުގެ ގޮޅިތައް ޙަވާލުކުރުމުގެ މަސައްކަތްކަމަށް ސުހައިލް ވިދާޅުވިއެވެ. ސުހައިލް ވިދާޅުވީ ގޮޅިތައް ޙަވާލުކުރުމުގެ މަސައްކަތް ނިމުމުން މިމަހު ފަހުކޮޅު އާއްމުންނަށް ލޯކަލް މާރުކޭޓް ހުޅުވާލާނޭކަމަށެވެ.

މިމަހު ފަހުކޮޅު ހުޅުމާލޭ ލޯކަލް މާރުކޭޓް ހުޅުވާލާއިރު 42 ފަރާތަކަށް ގޮޅި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ބުނެއެވެ. އަދި އޭގެ ތެރެއިން ގިނަ ފަރާތްތަކަކާއެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި އެއްބަސްވުން އޮތްގޮތުން، އެއްބަސްވުމުގައި ސޮއިކުރާތާ 15 ދުވަސް ތެރޭގައި ގޮޅިތައް ހުޅުވާ، ޚިދުމަތްދޭން ފަށަންޖެހޭކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި މާރުކޭޓުގެ ގޮޅިތައް ކުއްޔަށް ދޫކޮށްފައިވާއިރު ގޮޅިތައް ދޫކޮށްފައިވަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ އުފެއްދުންތަކަށް ޚާއްސަ ގޮޅިތަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް ޚާއްސަ ގޮޅިތައް ހިމެނެއެވެ.

ހުޅުމާލޭ ލޯކަލް މާރުކޭޓު ގޮޅިތަކުގެ ބޮޑުމިނުގައި 80 އަކަ ފޫޓު ހުންނައިރު މި ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހިން އުފައްދާ ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުންނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެއްކަމަށް އެޗްޑީސީން ބުނެއެވެ.