ސިޔާސީ

އޭސީސީއަށް ޝާޔަން ހާޒިރުކުރަން ކޯޓު އަމުރަކަށް އެދިއްޖެ


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖުމަންޓު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢައިމިނަތު ޝާޔަން ޝާހިދު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކޮށްދިނުމަށް ކޯޓު އަމުރަކަށް އޭސީސީން އެދިއްޖެއެވެ.

އޭސީސީން އަންނަނީ ޕީއެސްއެމްއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ މެނޭޖުމަންޓުން ފަށާފައިވާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފާހަގަކުރެވުނު 20 އަށް ވުރެ ގިނަ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އޭސީސީން ކޯޓު އަމުރަކަށް އެދިފައި މިވަނީ އެ ކޮމިޝަނުގެ ތަހުގީގަށް ޝާޔަން ހާޒިރުވުމަށް ތަކުރާރުކޮށް އެންގުމުންވެސް ހާޒިރުވެފައިނުވުމުންނެވެ. ޝާޔަން ހާޒިރު ކުރަނީ އޭސީސީން ތަހުގީގު ކުރަމުންދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ނޭނގެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒް ކޮމިޓީގައި އޭސީސީގެ މެންބަރުން ވަނީ އެ ޕީއެސްއެމްގެ މައްސަލަތަކުގެ ތަހުގީގަށް އެކުންފުނީގެ ކުރީގެ ބޯޑުގެ މެމްބަރަކު ތަހުގީގަށް ހާޒިރުވާން ތަކުރާރުކޮށް އަންގައިގެން ވެސް އެއްބާރުލުން ދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އެދުވަހުގެ ބައްދަލުވުމުގައި އެއީ ކޮން މެންބަރެއްކަން ވިދާޅުވެއްނުވެއެވެ.