ސިޔާސީ

ރާއްޖެ-އިންޑިއާ އެއްބަސްވުމުގެ ސަބަބުން ދިވެހިންނަށް އެއްވެސް ނިކަމެތިކަމެއް ނުލިބޭނެ - އޭޖީ


ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ސޮއިކުރެވޭ އެއްބަސްވުމަށް ޢަމަލު ކުރެވޭނީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ޤާނޫނާއި ޤަވާއިދުތަކާއި ތަރަހައާއި ޙުދޫދުގެ ތެރެއިން ކަމަށް އެޓަރނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމުކުރަން މަސައްކަތްކުރާ ޤާނޫނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމާއި ގުޅޭގޮތުން އޭޖީ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުޞޫލުތަކަކީ، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ކަނޑައެޅި، 2015ން ފެށިގެން ޢަމަލުކުރެވެމުންދާ އުޞޫލުތަކެއް ކަމަށެވެ.

އޭޖީ އޮފީހުން ވިދާޅުވީ އެ ޤާނޫނުގައި، ތަޙްޤީޤަށް އެހީތެރިކަން ހޯދުމާއި ޝަރުޢީ ލިޔުންތައް ހޯދައި ރައްދުކުރުމާއި މުދަލުން މުޢާމަލާތްކުރުން ހުއްޓުވުމާއި ބޭންކު ރިކޯޑާއި މާލީ ރެކޯޑާއި މިފަދަ ލިޔެކިޔުންތައް ހޯދުމަކީ އެ ޤާނޫނުގެ ދަށުން ޤައުމުތަކުން ދިވެހިރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައްކަމުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާކަމަށެވެ.

"އެހީއަށް އެދި ބޭރު ޤައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިޚްތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނުން ލިބިދީފައިވާކަން ފާހަގަކުރަމެވެ. ހަމައެއާއެކު، ޤާނޫނުގެ ދަށުން އެހީ ފޯރުކޮށްނުދެވޭނެ ޙާލަތްތައް ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު ސޮއިކުރެވޭ މުއާހަދާއަށް ޢަމަލުކުރެވޭނީ، އިސްވެ ދެންނެވުނު ޤާނޫނާއި ކަމާގުޅޭގޮތުން ދިވެހިރާއްޖެއިން އެކުލަވާލާފައިވާ އެންމެހާ ޤާނޫނާއި ގަވާއިދުތަކުގެ ތަރަހައާއި ޙުދޫދުގެ ތެރެއިން ކަމުގައި ދަންނަވަމެވެ،" ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ވިދާޅުވެފައި ވަނީ ޙުކުމް ތަންފީޛުކުރުމަށްޓަކައި ނުވަތަ ޝަރީޢަތް ހިންގުމަށް ނުވަތަ ޝަރީއަތް ހިންގުމަށްފަހު ޙުކުމް އިއްވުމަށް އެއް ޤައުމުން އަނެއް ޤައުމަށް މީހުން ބަދަލުކުރުމަކީ، މި މުއާހަދާގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނޫންކަމަށެވެ. އަދި މި މުޢާހަދާގެ ދަށުން ޝަރީޢަތެއްގައި ހެކި ބަސް ދިނުމަށް ދިވެހި ރައްޔިތެއް އެހެން ޤައުމަކަށް ގެންދެވޭނީ، ޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، އެ ދިވެހި ރައްޔިތެއްގެ ރައްކާތެރިކަމާގުޅޭގޮތުން ޚާއްޞަ ގެރެންޓީތަކެއް ޕްރޮސިކިއުޓަރ ޖެނެރަލަށް ދިނުމަށްފަހުކަމަށްވެސް އޭޖީ އޮފީހުގެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެއާއި އިންޑިއާއާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މުޢާހަދާގެ މަޤްޞަދަކީ ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެ ޤައުމުގެ ދެމެދުގައި ފަހިކުރުމެވެ. އަދި ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ޖިނާއީ މައްސަލަތަކުގައި ދެ ޤައުމުގެ މުއައްސަސާތަކުން ބޭނުންވާ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ފަހި އުޞޫލުތަކެއް ޤާއިމްކުރުމެވެ.

އޭޖީ އޮފީހުން ވިދާޅުވީ އިންޑިއާގެ އިތުރުން، ސްރީލަންކާ، ޔޫއޭއީ އަދި ރަޝިއާފަދަ ޤައުމުތަކާއެކުވެސް މިފަދަ މުޢާހަދާތަކުގައި ސޮއިކުރުމަށް އެ ޤައުމުތަކުން ހުށަހަޅައިގެން އެ ޤައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަމަށެވެ. އަދި ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ މިފަދަ މުޢާހަދާތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ތަޙްޤީޤުތަކަށް އެހީތެރިކަން ލިބި އެ މަސައްކަތް ހަރުދަނާވާނެ ޖިނާއީ މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އޭޖީ އޮފީހުން ވިދާޅުވީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ މި މުޢާހަދާގެ ސަބަބުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.