މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ޖަލްސާގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދެވެ. އެ މައްސަލަ މަޖިލީހަށް ވަނީ ބަލައިގެންފައެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން ފޭދޫ ދާއިރާގެ މެންބަރު ނިހާދު ވަނީ ރައީސް ޔާމީން ނިސްބަތްވާ ޕާޓީތަކުން ބޭއްވި އެއްވުމެއްގައި އެމަނިކުފާނަށް ބާރެއް ލިބިވަޑައިގަންނަވާ ދުވަހަކުން ސަރުކާރުގެ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖަހާނެ ކަމަށް ވިދާޅުވުމަކީ ދައުލަތަށް އިންޒާރު ދެއްވުން ކަމަށް ވަނީ ވިދާޅުވެފައެވެ. ނިހާދު ވަނީ ޔާމީންގެ ވާހަކަފުޅު ގައުމީ ސަލާމަތު ކޮމެޓީން ދިރާސާ ކުރުމަށްވެސް ވިދާޅުވެފައެވެ.
މި މައްސަލައަކީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ހުށަހެޅި މައްސަލައެއް ކަމަށްބުނެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. ޕީއެންސީއަށް ނިސްބަތްވާ މި މެންބަރު ނެންގެވި ނިޒާމީ ނުކުތާއަކީ ނިޒާމީ ނުކުތާއެއް ކަމަށް މަޖިލީހުގެ ރިޔާސަތަކުން ބަލައެއް ނުގަތެވެ.
ކާނިވާ ސަރަހައްދުގައި ޕީޕީއެމާއި ޕީއެންސީން ބޭއްވި އެއްވުމުގައި ރައީސް ޔާމީން ވަނީ އިދިކޮޅު ފަރާތްތަކަށް ވެރިކަން ލިބޭ ދުވަހަކުން މި ސަރުކާރުން ވެފައިވާ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި މީގެކުރިން ވިދާޅުވީ އެއްބަސްވުންތައް "އެފުށުން މިފުށަށް" ޖެހުމަކީ ރައްޔިތުން ޔާމީނަށް ވެރިކަން ނުދޭނެ ސަބަބެއް ކަމަށެވެ.