ވިޔަފާރި

މިދިޔަ އަހަރު ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބުނު - ގަވަރުނަރު


2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތީރިޓީ، އެމްއެމްއޭގެ 38 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި 712 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށާއި މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެއްކަމަށެވެ.

ގަވަރނަރު ވިދާޅުވީ މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގައި 276 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށާއި އަދި ސަރުކާރުން އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް، އެސްޑީއެފްގައި ޖޫންމަހުގެ ނިޔަލަށް 150 މިލިއަން އެމެރިކާ ހުރިކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ އިޤްތިސާދީ ދުވެލި ދަށްވާނެކަމަށް ކުރިން ލަފާކުރެވިފައިވީނަމަވެސް ޖުމްލަ ގޮތެއްގައި އިޤްތިސާދު އެއް ހަމައެއްގައި ހިފަހައްޓާލެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ނަސީރު ވިދާޅުވިއެވެ.

"2019 ވަނަ އަހަރުގެ ތެރޭގައި އިޤްތިސާދީ ދުވެލި ކުޑަކޯށް މަޑުޖެހިލާނެކަމަށް ބެލެވުނު ނަމަވެސް ޖުމްލަ ގޮތެއްގައި އިޤްތިސާދީ ދުވެލި ރަނގަޅުވާނެ. ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްކޮށް ހުންނާނެކަމަށް ފާހަގަކުރެވިފައިވާތީ ޖުމްލަ ގޮތެއްގައި މިއަހަރުގެ އިންފްލޭޝަން ހުންނާނީ 0.5 އިންސައްތައިގައި ކަމަށް ބެލެވޭ. އަދި ބަޖެޓް ޑެފިސިޓް 2019 ގައިވެސް އުފެއްދުންތެރިކަމުގެ ފަހެއް އިންސައްތައިގައި ހިފެހެއްޓޭނެ." ގަވަރުނަރު ނަސީރު ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށް އެމްއެމްއޭއިން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ އަހަރުވެސް މިދާއިރާގެ މަސައްކަތްތައް މޮނިޓަރކޮށްފައިވާކަމަށެވެ. އަދި މާލީ ދާއިރާ މިދިޔަ އަހަރު ވަރުގަދަކަމަށާއި އަދި މިދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެންނަން ސަރުކާރުން އިސްކަންދޭންޖެހޭކަމަށްވެސް ނަސީރު ވިދާޅުވިއެވެ.

އެމްއެމްއޭއިން ލަފާކުރާ ގޮތުން މުޅި އިޤްތިޞާދަށް ބަލާއިރު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިޤްތިސާދު ރަނގަޅުވެގެންދާނެއެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ޖީޑީޕީ ކުރިއެރި ދުވެލި ވަނީ 7.6 އިންސައްތަ ކުރިއަރާފައެވެ. މިއީ 2017 ވަނަ އަހަރުގެ ނޮވެމްބަރުމަހު އަންދާޒާކުރެވުނު 6 އިންސައްތައަށްވުރެ މަތީ މިންވަރެކެވެ. 2017 ވަނަ އަހަރު ރާއްޖޭގެ އިޤްތިސާދު ކުރިއަރާފައި ވަނީ 6.9 އިންސައްތައެވެ.