ވިޔަފާރި

ބޮއިންގއަށް 5.9 ބިލިއަން ޑޮލަރުގެ ޑީލެއް ގެއްލިއްޖެ


ބޮއިންގ ކުންފުނީގެ 30 މަތިންދާބޯޓު ގަތުމަށް ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް އެއަރލައިން، އަލްއަޑީލްއިން ނިންމާފައިވާ ނިންމުން ބަދަލުކޮށްފިއެވެ.

އަލްއަޑީލްއިން ވަނީ ބޮއިންގ ކުންފުނީގެ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ 30 މަތިންދާބޯޓު ގަތުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ޝަޢުޤުވެރިކަން ފާޅުކޮށް، އެކަން ބޮއިންގ ކުންފުންޏަށް ހުށަހަޅާފައެވެ. މިއީ އަގުގެ ގޮތުން 5.9 ބިލިއަން ޑޮލަރުގެ ވިޔަފާރި މުޢާމަލާތެކެވެ.

ނަމަވެސް އަލްއަޑީލްއިން ބޮއިންގ ކުންފުނީގެ މަތިންދާބޯޓުތައް ނުގަތުމަށް ނިންމާފައި މިވަނީ، އެ އެއަރލައިން އިން ގަންނަން މަސައްކަތްކުރަމުންދިޔަ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ ދެ މަތިންދާބޯޓެއް މިދިޔަ އަހަރުގެ ފަހުކޮޅު އަދި މިއަހަރު ކުރީކޮޅު ވެއްޓުނު ހާދިސާތަކާ ގުޅިގެނެވެ.

މިހާދިސާތަކާ ގުޅިގެން އެއަރލައިންތަކުން އެމަރުކައިގެ މަތިންދާބޯޓު ބޭނުންކުރުމާއި ގަތުންވެސް ވަނީ މަޑު ޖައްސާލާފައެވެ. އެއީ އަލުން ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހެން ފަށާނެ ދުވަހެއް ނޭގޭތީއެވެ.

އަލްއަޑީލްއިން ބޮއިންގ މަރުކައިގެ ބޯޓުތަކުގެ ބަދަލުގައި ދެން ހޯދާނީ އެއަރބަސް އޭ-ތްރީ-ޓުވެންޓީ ނިއޯސް މަރުކައިގެ 30 މަތިންދާބޯޓުކަމަށް އެ އެއަރލައިން އިން ބުނެއެވެ.

މަތިންދާބޯޓުތައް ވެއްޓުނު ހާދިސާތަކަށްފަހު ބޮއިންގ ކުންފުނިން މަތިންދާބޯޓުތައް އެއަރލައިންތަކުން މަޑުޖައްސާލާފައިވާއިރު، ދުނިޔޭގެ މުއްސަނދި އެއަރލައިންތަކުން ދަނީ އެއަރބަސްގެ މަތިންދާބޯޓު ގަންނަ މިންވަރު އިތުރުކުރަމުންނެވެ. އަނެއްކޮޅުން މައްސަލަ ޖެހިފައިވާ ބޮއިންގ ސެވަން ތުރީ ސެވަން މެކްސް މަރުކައިގެ މަތިންދާބޯޓުތައް އުދުހުންތަކުގައި ބޭނުންކުރަން އަލުން ފެށޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.