އެމްޓީސީސީގެ ފެރީ ޓަރމިނަލްތަކުގައި ކަރުދާސް ބޭނުންކުރުން ހުއްޓާލުމަށް ޚާއްސަ މަސައްކަތްތަކެއް އެކުންފުނިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ކަރުދާސް ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން، ވިލިމާލެއާއި މާލެއާ ދޭތެރޭ ދެމުންދާ ފެރީގެ ދަތުރުކުރުމަށް ގަންނަ ޓިކެޓަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން ޓިކެޓްގެ ބަދަލުގައި ޚާއްސަ ޓޯކަންއެއް ނުވަތަ ކާޑެއް ދޫކުރުމަށް ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ފުރަތަމަ ކުރިއަށްދާނީ އަޖުމަ ބެލުމުގެ މަސައްކަތްތަކަށާއި އެގޮތުން ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ނިޔަލަށް ވަކި ވަގުތުތަކެއްގައި ދަތުރުކުރުމަށް ބޭނުންކުރާނީ މި ޓޯކަންކަމަށް އެމްޓީސީސީން ބުނެއެވެ. އެގަޑިތަކަކީ ހެނދުނު ދިހައަކުން ފެށިގެން ބާރައަށް އަދި ރޭގަނޑު އަށަކުން ދިހައަކަށްކަމަށްވެސް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން އެވަގުތުތަކުގައި ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ކަރުދާސް ޓިކެޓްގެ ބަދަލުގައި ދޫކުރެވޭނީ އިލެކްޓްރޯނިކް ސިންގަލް ޖާރނީ ޓޯކަންއެއްކަމަށް އެމްޓީސީސީން ބުނެއެވެ.
ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރުމަށް އެމްޓީސީސީން ވަނީ ހުޅުމާލެއާއި މާލެއާ ދަތުރުކުރާ ފެރީތަކަށް ޚާއްސަކޮށް ދަތުރުކާޑެއްވެސް ތަޢާރަފްކޮށްފައެވެ. ނަމަވެސް ހުޅުމާލެއާއި މާލެއާ ދެމެދު ކުރާ ދަތުރުތައް ޕްރީމިއަމް ފެރީއަށް ބަދަލުކުރި ފަހުން އެކާޑު ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ. ނަމަވެސް މާލެއާއި ހުޅުމާލެއާ ދެމެދު އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދެނީ ކަރުދާސް ޓިކެޓުގެ ބަދަލުގައި ދަތުރު ކާޑެއް ބޭނުންކޮށްގެނެވެ.