ވިޔަފާރި

ފުރަތަމަ 6 މަސް - އާމްދަނީ 10.8 ބިލިއަން، ޚަރަދުތައްް 11.4 ބިލިއަން


މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު، ދައުލަތަށް 10.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، ކުރެވުނު ޚަރަދު 11.4 ބިލިއަނަށް ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސްއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު 23.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، އަހަރުގެ ފުރަތަމަ 6 މަސް ނިމުނުއިރު، ދައުލަތަށް ވަނީ 10.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިއަހަރު ލިބޭނެކަމަށް ލަފާކޮށްފައިވާ ޖުމްލަ އާމްދަނީގެ 46.2 އިންސައްތައެވެ.

ފުރަތަމަ 6 މަސްދުވަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓެކްސްގެ ގޮތުގައެވެ. ޓެކްސްގެ ގޮތުގައި 8.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެ ތެރޭގައި އިމްޕޯޓް ޑިއުޓީ، ބީޕީޓީ، ޖީއެސްޓީ، ރޯޔަލްޓީ، ގްރީން ޓެކްސް، ރެމިޓަންސް ޓެކްސް އަދި އެއަރޕޯޓް ސަރވިސް ޗާޖު ހިމެނެއެވެ.

ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރަށް އެކި ފަރާތްތަކުން ދައްކާ ފީއާއި ކުލި އަދި ޖޫރިމަނާތަކެވެ.

ދައުލަތަށް 10.8 ބިލިއަން ރުފިޔާގެ އާމްދަނީއެއް ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ލިބިފައިވާއިރު، އެމުއްދަތުގެ ތެރޭގައި ދަޢުލަތުގެ ޚަރަދު އުޅެނީ 11.4 ބިލިއަން ރުފިޔާގައެވެ. މިއީ ދަޢުލަތަށް ލިބުނު އާމްދަނީއަށްވުރެ 681.8 މިލިއަން އިތުރު އަދަދެކެވެ.

ދަޢުލަތުން ކުރި ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، 11.4 ބިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ޚަރަދުކޮށްފައިވަނީ ރިކަރަންޓް ޚަރަދު ނުވަތަ ދަޢުލަތުގެ ހިންގުމުގެ ޚަރަދަށެވެ. ރިކަރަންޓް ޚަޜަދުތަކަށް 8.9 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އޭގެތެރެއިން 4.8 ބިލިއަން ރުފިޔާއަކީ މުސާރައާއި ޕެންޝަނުގެ ގޮތުގައި ދޫކުރި ފައިސާއެވެ. އަދި ބާކީ 3.7 ބިލިއަން ރުފިޔާއަކީ އޮފީސް ހިންގުމަށް ޚަރަދުވި މިންވަރެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކެޕިޓަލް ޚަރަދު ނުވަތަ ތަރައްޤީގެ މަސައްކަތްތަކެއް ޚަރަދުކޮށްފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ޚަރަދުކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ. އަދި ދައުލަތަށް ބޭނުންވާ މެޝިނަރީޒްއާއި ފަރުނީޗަރާއި އެހެނިހެން ތަކެތި ހޯދުމަށް 178 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.