ވިޔަފާރި

އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރ އިސްތިއުފާދެއްވައިފި


އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި ތަވަބާލަން ޕޫބަލަސިންގަމް، އެމަޤާމުން އިސްތިއުފާދެއްވައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ޗީފް ފައިނޭންޝަލް އޮފިސަރުކަމުގެ މަޤާމުގެ އިތުރުން އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުންވެސް ތަވަބާލަން މިމަހުގެ 13 ވަނަ ދުވަހު އިސްތިއުފާދެއްވާފައިވާކަމަށެވެ.

ތަވަބާލަން މި މަގާމްތަކުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާ ގުޅިގެންކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނަވައިގެން ތަވަބާލަން ވަނީ އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރިވެދެއްވައި، ކުންފުނީގައި މިހާރު ބޭނުންކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވިކަމަށެވެ.

މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވާކަމަށްވެސް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.