ޚަބަރު

ރަށްތަކުގެ ސިއްހީ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ނޫނީ ސިއްހީ ދާއިރާ ހަމަމަގަށް ނޭޅުވޭނެ - ނާއިބު ރައީސް


ރާއްޖޭގެ ރަށްތަކުގެ ސިއްޙީ ޚިދުމަތް ފަހަތަށް ޖެހިފައި އޮތުމަކީ ސިއްހީ ދާއިރާ ތައްރައްޤީ ކުރުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި މި ސަރުކާރުން އެކަމަށް ޚާއްސަ އިސްކަމެއް ދީގެން އެކަން ރަނގަޅު ކުރައްވާނެކަމަށް ނައިބު ރައީސް ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އުފެދުމުގައި ދިމާވާ ހިތުގެ މައްސަލަތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ރޭޑިއޮލޮޖިސްޓުންނަށް ޚާއްޞަ ކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާއިބު ރައީސް ވަނީ ޞީއްޙީ ނިޒާމަށް ބަދަލުތަކެއް ގެނެސް ރައްޔިތުންނަށް ހިތްހަމަޖެހިގެން ރަށްތަކުގައި ދިރިއުޅެވޭނެ ދުވަހެއް އަވަސް މުސަތަޤްބަލެއްގައި ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއްކަން ފާހަގަކޮށް އެކަން ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދުޅަ ހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ނައިބު ރައީސް ފައިޞަލް ނަޞީމްގެ ވާހަކަފުޅުގައި ވަނީ ގޮވާލައްވާފައެވެ. އަދި އެއްވެސް ޤައުމެއްގައި ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތްތައް ކާމިޔާބުވެފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މުޅި ދިވެހިރާއްޖެއަށް ބަލާލާއިރު ހާއްސަކޮށް ރާއްޖޭގެ ރަށްތަކުގައި ޞިއްޙީ ހިދުމަތްތައް އޮތީ ވަރަށްބޮޑަށް ދުރަށް ޖައްސާލެވިފަ، ވަރަށް ފަހަތުގައި އެއީ މިއަދު އަޅުގަނޑުމެނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް އެއީ މި ސަރުކާރުން އިސްކަމެއްދީގެން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނެކަމެއް. އެއްވެސް ޤައުމެއްގައި ދުނިޔޭގަ އެއްވެސް ތަނެއްގައި ހަމަ އެކަނި އެޤައުމެއްގެ ސަރުކާރުން ކުރާ މަސައްކަތަކުން ކަންތައްތައް ދުވަހަކުވެސް ކާމިޔާބުވެފައެއް ނެތް. ކަންތައްތައް ކާމިޔާބު ވަނީ އެންމެން އެކުގައި 'ކަލެކްޓިވްކޮށް' 'ޔުނައިޓެޑްކޮށް' ކުރެވޭ މަސައްކަތުން" ނައިބްރައީސް ވިދާޅުވިއެވެ.

ޓައިނީ ހާރޓްސް އިން ކުރިއަށްގެންދިޔަ "ފީޓަލް ހާރޓް މަސައްކަތު ބައްދަލުވުގެ ހަވަނަ ވަނަ ބައްދަލުވުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ނައިބްރައީސް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ތުއްތު ކުއްޖާގެ ހައްގުގައި މިފަދަ މަސައްކަތްތައް ކުރުމާއި އެކަމަށް ސަމާލުކަން ދިނުމަކީ ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމެއްގެ ސަބަބުން އެކި ކަންކޮޅުތަކުގައި ތިބި މައިންނާއި އާއިލާތަކަށް މިކަމުގެ މުހިއްމުކަން އިހްސާސްވެ ކުރިއަށްވުރެ ބޮޑަށް މިފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް ނާއިބު ރައީސް ވަނީ ގޮވާލައްވާފައެވެ.

"ތުއްތު ކުއްޖާއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ދޭން ޖެހޭ އަޅާލުމާއި ރައްކާތެރިކަން ދީ ދޭންޖެހޭ ފަރުވާ ދިނުމުގައި އިސްކަމެއް ދޭން ޖެހޭ." މިފަދް ޕްރޮގްރާމްތައް ހިންގިނަމަވެސް ރަނގަޅުކުރަންޖެހޭ ގިނަކަންތައް އަދިވެސް އެބަހުރި." ނައިބްރައީސް ވިދާޅުވިއެވެ.

އުފެދުމުގައި ދިމާވާ ހިތުގެ މައްސަލަތައް ދެނެގަތުމުގެ ނިޒާމު ހަރުދަނާ ކުރުމަށް، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން ރޭޑިއޮލޮޖިސްޓުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމުގައި 14 ޑޮކްޓަރުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޯށްދެއްވީ ނައިބްރައީސް ފައިޞަލް ނަޞީމްއެވެ.

މި ބައްދަލުވުމަކީ އަމިއްލަ ޖަމުއިއްޔާއެއް ކަމަށްވާ ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްއިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާއި ޤައުމީ ހެލްތް އިންޝުއަރެންސް ކުންފުނި، އާސަންދައިގެ އެހީތެރިކަމާއެކު ބޭއްވި ބައްދަލުވުމެކެވެ. އެކިއަހަރުތަކުގެ މަތިން ބާއްވާފައިވާ މި ސިލްސިލާގެ ވަރކްޝޮޕްތަކުގައި 90 ވަރަކަށް ޑޮކްޓަރުންނަށް މިހާރު ވަނީ މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.