ސިޔާސީ

އަދީބު ރާއްޖެ ގެންނާނެ ކަމަށް ވީ ވައުދު ފުދިއްޖެ - ހޯމް މިނިސްޓަރު


ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ފިލުމުގެ ފުރުސަތު ނުދީ ރާއްޖެ ގެނެސް ހުކުމް ތަންފީޒުކުރަން ވީ ވައުދު ފުއްދިއްޖެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަކުގެ މަފްހޫމާއި އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާ އަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސް، އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ބަކީ ބައި ތަންފީޒު ކުރާނެ ކަމުގެ ޔަގީން ކަން ސަރުކާރުން ދެއްވި ކަމަށެވެ. އަދި ރައްޔިތުން ގާތު ވީ ވައުދާއި އެއްގޮތަށް ސަރުކާރުން އަމަލުކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވީ ވައުދު ފުއްދައިފިން،" އިމްރާން ވިދާޅުވިއެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުވާލުމުން އޭނާ އެނބުރި ރާއްޖެ އައިސްދާނެ ކަމާއި މެދު ގިނަބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އެކަމާއި ގުޅޭގޮތުން ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއްވެސް ހުށަހެޅިއެވެ. އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

އަދީބު ބޭސްފަރުވާ އަށް އިންޑިއާ އަށް ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތައް ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް ކޯޓުގެ ހުރުމަތްކެނޑި ކަމުގެ ކުށުގައި އޮތް 15 ދުވަހުގެ ބަންދެއް އޭނާ އަންނަނީ ތަންފީޒު ކުރަމުންނެވެ.