ވިޔަފާރި

މޫސުމަށް އަންނަ ބަދަލުތަކާއެކު ފަގީރުންގެ އަދަދު ދަނީ އިތުރުވަމުން


މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެތެރޭ 120 މިލިއަންނަށްވުރެ ގިނަ މީހުން ފަގީރުންގެ ލިސްޓަށް އިތުރުވެގެންދާނެ ކަމަށް އދގެ ރިޕޯޓަކުން ދައްކައިފިއެވެ.

ހުސްވި ހަފްތާތެރޭ އދ އިން ނެރެފައިވާ ރިޕޯޓުގައިވާގޮތުން މުއްސަދިންނަށް މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމުގެ ފުރުސަތު އޮތް ނަމަވެސް ފަޤީރު ހާލުގައި ދިރިއުޅޭ ފަރާތަތަކަށް އެފަދަ ފުރުސަތުތަކެއް ނެތް ކަމަށެވެ.

މިރިޕޯޓްގައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާއެކު ކާރިސާތައް ކުރިމަތިވާ މިންވަރު އިތުރުވެގެންދާނެއެވެ. އަދި މިފަދަ ކާރިސާތަކާއި އެކު ފަގީރުންނަށް ހައިހޫނުކަމުގައި ދިރިއުޅެން ނުވަތަ އެހެން ތަނަކަށް ދިރިއުޅުން ބަދަލުކުރަން މަޖްބޫރުވެގެންދާނެ ކަމަށް ރިޕޯޓްގައިވެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައިވެސް މުއްސަދިންނަށް އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ދިރިއުޅުން އެހެން ހިސާބުތަކަށް ބަދަލުކޮށްލަން ފަސޭހަވާނެ ކަމަށް ޔޫއެންގެ ރިޕޯޓުގައިވެއެވެ.

މީގެކުރިން، ސްޓޭންފޯޑް ޔުނިވަރސިޓީގެ ދިރާސާކުރާ ޓީމަކުންވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަގީރު ޤައުމުތައް އިތުރަށް ފަޤީރުވަމުންދާ ކަމުގެ އިންޒާރުދީފައެވެ. އަދި މި ކަމުގެ ސަބަބުން ފަޤީރު ޤައުމުތަކާއި މުއްސަދި ޤައުމުތަކުގެ މެދުގައި އޮތް ފަރަގު ބޮޑުވަމުންދާ ކަންވެސް އެ ޓީމުންވަނީ ފާހަގަކޮށްފައެވެ.