ޚަބަރު

ގެއަކަށް ވަދެ އަނިޔާކުރި ފުލުހުން ވަގުތުން ސަސްޕެންޑްކޮށް، ތަހުޤީޤު ކުރަނީ


އާދައިގެ ހެދުމުގައި ތިބި ފުލުހުންތަކެއް މާފަންނު ގެއަކަށް ވަދެ މީހަކަށް އަނިޔާކުރި މައްސަލަ ތަހުޤީޤު ކުރައްވާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ ހަމީދު ވިދާޅުވީ ފުލުހުންގެ ބަޔަކު ކޯޓު އަމުރެއްގެ ދަށުން މިރޭ މާފަންނު ގެއެއް ފާސް ކުރުމުގެ ތެރޭގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފެނިވަޑައިގެންފައިވާކަމަށާއި ވަގުތުން އެ ފުލުހުން ސަސްޕެންޑްކޮށް، އެ މައްސަލަ ތަހުޤީޤުކުރައްވާނެކަމަށެވެ. އަދި އަނިޔާ ކުރުމަކީ ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށާއި އެކަމުގައި ބައިވެރިވި ހުރިހާ ފުލުހުންނާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަނިޔާކުރި މައްސަލަ ބައްލަވައިދެއްވުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގައިވެސް އެދިވަޑައިގެންފައިވާކަމަށެވެ. އަދި މިފަދަ މައްސަލަތައް ބެލުމަށް ފުލުހުންގެ ތެރޭގައި އެކުލަވާލާފައިވާ އިދާރާތަކުންވެސް ބައްލަވާނެކަމަށް އޭނާ ވިދާޅުވިއެވެ.