ވިޔަފާރި

އިންޑިއާގެ ބަޖެޓް - 5 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކާ ދިމާލަށް


ކުރިއަށްއޮތް މާލީ އަހަރަށް ލަފާކުރާ ބަޖެޓް އިންޑިއާ ސަރުކާރުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިންޑިއާ ސަރުކާރުން މަޖިލީހަށް ބަޖެޓް ހުށަހަޅާފައިވާއިރު، މިއީ މިދިޔަ މޭމަހު އިންޑިއާގެ ބޮޑުވަޒީރުކަމުގެ ދެވަނަ ދަޢުރާ ޙަވާލުވުމަށްފަހު ނަރެންދުރަ މޯދީގެ ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓެވެ. މީގެ އިތުރުން މިބަޖެޓަކީ ފިނޭންސް މިނިސްޓަރުކަމުގެ މަޤާމުގައި އަންހެން ބޭފުޅަކު ހުންނަވައިގެން އިންޑިއާގެ މަޖިލީހަށް ބަޖެޓެއް ހުށަހެޅުއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން އިންޑިއާގެ ފިނޭންސް މިނިސްޓަރ ނިރްމަލާ ސީތާރާމް ވިދާޅުވީ، އޭޕްރީލް އެއްވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ މާޗުމަހުގެ އެއްތިރީސް ވަނަ ދުވަހުގެ ނިޔަލަށް ހިނގާ މާލީ އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓަކީ މަޑުޖެހިފައިވާ އިންޑިއާގެ އިޤްތީޞާދީ ދުވެލި ހަލުވިވެގެންދާނެ ބަޖެޓެއްކަމަށެވެ.

ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރާ ޙަވާލުވުމަށްފަހު އިންޑިއާގެ އިޤްތިޞާދަކީ 5 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް ހައްދަވާނޭކަމަށް މޯދީ ވިދާޅުވެފައިވާއިރު، މިބަޖެޓްގެ ތެރެއިން އެކަން ހާސިލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަމަށް އިންޑިއާގެ މާލީ ވަޒީރު ވިދާޅުވިއެވެ. އެގޮތުން އިންފްރާސްޓްރަކްޗަރއަށް ކުރާ އިންވެސްޓްތައް އިތުރުކޮށް، ޑިޖިޓަލް އިކޮނޮމީއަކަށް ބަދަލުކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އިސްކަންދޭނެކަމަށް ސީތާރާމް ވިދާޅުވިއެވެ.

ސީތާރާމް ވިދާޅުވީ 5 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް ވާސިލްވުމަށް އިންޑިއާއިން ކަނޑައަޅާފައިވާ 5 އަހަރުގެ އަމާޒަށް ދިއުމަށް، ކުރިއަށްއޮތް އަހަރު 3 ޓްރިލިއަން ޑޮލަރުގެ އިޤްތިޞާދަކަށް އިންޑިއާ ހަދާނެކަމަށެވެ.

އިންޑިއާގެ އިޤްތިޞާދީ ދުވެލި ބާރުކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، މިދިޔަ އަހަރު އިންޑިއާގެ އިޤްތިޞާދީ ދުވެލި ވަނީ މަޑުޖެހިފައެވެ. އެގޮތުން އިންޑިއާގެ އިޤްތިޞާދަށް މިދިޔަ ކުއާޓަރުގައި ހީނަރުކަމެއް އައިސް، އިޤްތިޞާދީ ދުވެލި ވަނީ 5.8 އިންސައްތައަށް ދަށްވެފައެވެ. މިއީ މިދިޔަ 20 އަހަރު ދުވަހުގެތެރޭގައި ދަށަށް ނުދާ މިންވަރެކެވެ. މީގެ ކުރިން އިންޑިއާއަކީ ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދިޔަ އިޤްތިޞާދެވެ. ނަމަވެސް މިދިޔަ އަހަރު ޗައިނާއިން ވަނީ އެމަޤާމު ހޯދާފައެވެ.