ވިޔަފާރި

ޕާކިސްތާނަށް 6 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އައި.އެމް.އެފްއިން ނިންމައިފި


ޕާކިސްތާނުގެ އިޤްތިޞާދީ އަދި މާލީ ޙާލަތު ރަނގަޅުކުރުމަށް 6 ބިލިއަން ޑޮލަރުގެ ލޯން ޕެކޭޖެއް ދިނުމަށް އައި.އެމް.އެފްގެ ބޯޑުން ނިންމައިފިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައި.އެމް.އެފްގެ ބޯޑުން 6 ބިލިއަން ޑޮލަރުގެ ލޯނު ޕެކޭޖެއް ޕާކިސްތާނަށް ދިނުމަށް މޭމަހުގެ ތެރޭގައި އެއްބަސްވުމަކާ ހަމައަށް އާދެވުނަސް، ރަސްމީކޮށް މިލޯނު ދިނުމަށް އައިއެމްއެފްގެ ބޯޑުން ނިންމީ މިދިޔަ ބުދަދުވަހުއެވެ.

3 އަހަރު ދުވަހަށް ބަހާލައިގެން ދޫކުރާ 6 ބިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ފުރަތަމަ ދޫކުރާނީ 1 ބިލިއަން ޑޮލަރެވެ. އެއަށްފަހު ކޮންމެ ކުއާޓަރެއްގެ ނަތީޖާއަށް ބެލުމަށްފަހު ލޯނުގެ ބާކީ ދޫކުރަމުންދާނެކަމަށް އައި.އެމް.އެފްއިން ބުނެއެވެ.

އައިއެމްއެފްއިން ބުނީ މިލޯނުގެ ސަބަބުން އެޤައުމުގެ ދަރަނި ކުޑަކޮށް، އިޖްތިމާޢީ ކަންކަމަށް ކުރާ ހޭދަ އިތުރުކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ. ޕާކިސްތާނަށް 6 ބިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް އައި.އެމް.އެފްއިން ނިންމާފައިވަނީ ގިނަ ޝަރުތުތަކެއް ހިމަނައިގެނެވެ. އޭގެ ތެރޭގައި ދަޢުލަތުގެ ހިންގުމުގެ ޚަރަދުކުޑަކޮށް، މާލީ ކަންކަމާ ގުޅޭ ސިޔާސަތުތަކަށް ޒަމާނީ ބަދަލުތައް ގެނައުން ހިމެނެއެވެ.

އައި.އެމް.އެފްއިން ބުނާގޮތުން ޕާކިސްތާނުގެ އިޤްތިޞާދު ހަމައަކަށް އެޅުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުކޮށް، އިޤްތިޞާދީގޮތުން އަންހެނުން ބާރުވެރިކޮށް، ފަޤީރު ސަރަޙައްދުތަކުގައި ހިންގާ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށް އައި.އެމް.އެފްއިން ބުނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިމްރާން ޚާން ވަޑައިގަތް ފަހުން، އެމަނިކުފާނު ގެންދަވަނީ ވަޅުޖެހިފައިވާ ޕާކިސްތާނުގެ އިޤްތިޞާދު ރަނގަޅުކޮށް، ޤައުމުގެ ފުއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެމަސައްކަތުގެ ދަށުން އެކި ޤައުމުތަކަށް ޒިޔާރަތްކޮށް، ޕާކިސްތާނަށް ގިނަ އެހީތަކެއް ދަނީ ހޯއްދަވަމުންނެވެ. މިގޮތުން ޗައިނާއާއި، ސަޢުދި ޢަރަބިއްޔާ، ޔޫއޭއީ އަދި ޤަތަރުފަދަ ޤައުމުތަކުން ދަނީ ޕާކިސްތާނަށް މާލީ ގޮތުންނާއި އެހެނިގެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.